ބޯކޮށް ވާރޭވެހި ތިނަދޫގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭވެހި ގދ. ތިނަދޫގައި ފެންބޮޑުވެ އެރަށުގައި ފެންބޮޑުވެއްޖެއެވެ.
ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.
"ރޭ ދަންވަރުން ފެށިގެން އަންނަނީ ވަރަށް ބޯކޮށް ވާރޭވެހެމުން. ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން އެގޭގޭގެ އިލެކްޓްރޯނިކް ސާމާނުތައް ވަނީ ހަލާކުވެފަ،" ތިނަދޫ ކައުންސިލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެން ބޮޑުވުމުގެ ސަބަބުން އެރަށުގެ ހުންނަ ތިން ސޫލުވެސް މިއަދު ވަނީ ބަންދުކޮށްފައެވެ. އެރަށު ރައްޔިތުންނާ، ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ ތިނަދޫގައި ފެންހިއްކުމުގެ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން އެންގުމުން ދަތުރުފަތުކުރާއިރު އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިލްތިމާސް ކޮށްފައެވެ.
ފުލުސް އޮފީހުން ބުނެފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމުގެ ޔަޤީންކަން ހޯދުމަށްފަހު ނޫނީ ދަތުރަށް ނުފެށުމަށެވެ. ހަމައެހެންމެ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައި ރޭގަނޑުގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ.
ހުވަދު އަތޮޅު ކާޑެއްދޫ އެއާޕޯޓަށް ފާއިތުވީ 24 ގަޑީރު ތެރޭގައި 110 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖީން ބުނެއެވެ. މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ ކުރިއަށްއޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިދައި، ގުގުރައި، ގަދަވަޔާއެކު ވާރޭވެހޭނެ ކަމަށެވެ.
ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި ފެން ބޮޑުނުވާނެ ގޮތަށް ޑްރެއިިންގް ސިސްޓަމެއް ގާއިމްކޮށް، ފެންބޮޑުވުމުން ހައްލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ވަނީ ސޮއި ކޮއްފައެވެ.
އެމްޑަބްލިއުއެސްސީން އެ ދެ ރަށުގައި ހިންގާ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެންހިންދާ ނިޒާމެއް ޑިޒައިންކުރަން ޖެހޭނެ އެވެ. ފެންހިންދާ ނިޒާމު ނުވަތަ ޑްރެއިނިގް ސިސްޓަމްތައް ހަތަރު މަސް ދުވަހުގެ ތެރޭގައި ޑިޒައިންކޮށް ނިންމަންޖެހެ އެވެ. މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމުގެ ގާއިމް ކުރުމަށް އަމަލީ މަސައްކަތް 2013 ވަނަ އަހަރުގެ ފަހުކޮޅު ފަށަން ޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ދެ ފިޔަވައްސަކަށް ކުރިއަށް ގެންދާ މަޝްރޫގެ ޖުމްލަ އަގު ނުވަ މިލިއަން ރުފިޔާއަށް އަރައެވެ.
ކިޔުންތެރިންގެ ހިޔާލު