ދަސްވަރު ޕްރޮގުރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ކޮންމެ ރަށެއްގައި ފާމަސިސްޓުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހާހަމައަށް މުއްދަތު އިތުރުކޮށްފައިވަނީ އެކަށީގެންވާ މިންވަރަށް މީހުން އެކަމަށް ކުރިމަތިލާފައި ނުވާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. މިހާތަނަށް އެކަމަށްއެދި 400 ވަރަކަށް ކުދިން ކުރިމަތިލާފައިވެއެވެ.
އެ ޕްރޮގްރާމަކީ އެސްޓީއޯއާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ލިބޭ ބޭސްފިހާރައެއް ހުޅުވުމުގެ މަޝްރޫ ނިމޭއިރު އަތޮޅުތަކުގައި 700 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވައިލެވޭނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހައި ރަށެއްގައި އާސަންދަ ލިބޭ ގޮތަށް އެސްޓީއޯގެ ބޭސްފިހާރަތައް ހުޅުވުމަކީ އެސްޓީއޯގެ އަމާޒެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސްހާރައެއް އެޅުމުގެ މަގުސަދަކީ މާލެ ނައިސް ހުރިހައި ބޭހެއް އެރަށަކުން ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ. ރަށުގައި ބޭސްފިހާރަ ހުޅުވުމުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރަށް ފަހިވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
" އެސްޓީއޯގެ އަމާޒަކީ ރަށްރަށުގައި ގިނަ ވަޒީފާ ތަކެއް ހުޅުވާލުން އެގޮތުން މިހާރު މިވަނީ 58 ވަޒީފާ އުފެއްދިފައި. 2015 އަހަރު ނިމޭއިރު 700 އަށްވުރެ ގިނަ ވަޒީ އުފެއްދޭނެ ކަމަށް އަޅުގަނޑުމެން މިލަފާ ކުރަނީ،" އާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު