އެމްޑީއެން ރިޕޯޓު ނެރުމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން-ޕޮލިސް
މިނިވަންނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ، ގެއްލިފައިވާ ހާދިސާ އާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމްޑީއެން) އިން އާއްމު ކޮށްފައިވާ ބަޔާން އެކުލަވާލުމުގައި ޝާމިލްވާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ ނަމުގައި ބަޔަކު އަޑީގައި ތިބެގެންނަމަވެސް ކޮށްފައިވާ މިމަސައްކަތަކީ މިއުޞޫލުން ކުރެވިދާނެ މަސައްކަތެއްކަމަށް މިމުއައްސަސާއިން ނުދެކެމެވެ. އަދި މިކަން ކުރެވިގެންދިޔަގޮތް މިމުއައްސަސާއިން ބަލައި މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު މިމުއައްސަސާއިން އަޅާނެކަމުގައި ދަންނަވަމެވެ."
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެމުއައްސަސާއިން ބަލަމުންދާ މައްސަލަތަކުގެ މަޢުލޫމާތު ނުކޮށް ރައްކާތެރިކަމާއެކު ބަލަހައްޓަމުންގެންދަނީ އެފަދަ މަޢުލޫމާތު ތަކަކީ އެތައް ބައެއްގެ މަޞްލަޙަތު ހިމެނޭ މަޢުލޫމާތު ތަކަކަށްވާތީ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި ބައެއް މީހުންގެ ނަން ހާމަކުރުމަށްފަހު އެމީހުންގެ ވަނަވަރުވެސް ހިމަނާފައި އެމީހުންނާމެދު ތުހުމަތުތަކެއް ކޮށްފައިވާތީ އެމީހުންނަށް ތަފާތު އިންޒާރުދީ ބިރުދައްކަމުންދާ ކަމުގެ ޝަކުވާ އެމީހުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރިޟްވާން ހޯދުމަށްޓަކައި ފުލުހުންގެ ޚާއްޞަ ޓީމެއް އެކުލަވާލައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން އަންނަނީ ކުރަމުން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ރިޟްވާން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް "އެމައްސަލަ އާއި ގުޅޭ ކަށަވަރުނުކުރެވޭ މަޢުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްކޮށް ބައެއްގެ މަސްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތް އިރު މިފަދަ މަޢުލޫމާތުތަކަކީ ރައްޔިތުންނާ ޙިއްސާކޮށްގެންވާނެ މަޢުލޫމާތުތަކެއް ކަމުގައި މިސަރވިސްއިން ނުދެކެމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިޟްވާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭނާގެ "އާއިލާ މެދުވެރިކޮށްގެންނާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް ވަކި މަޤުޞަދެއް ޙާޞިލް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން މި ސަރވިސްއަށް ވަނީ ފާހަގަކުރެވިފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން ނެރެ އާއްމު ކޮށްފައިވާ ބަޔާނަކީ ފުލުހުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި އާއްމު ކުރި ބަޔާނެއް ކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ޒިންމާދާރު ކަމެއްނެތި ހަގީގަތް އޮޅޭގޮތަށް އެކުލަވާލައިފައިވާ ބަޔާނެއް ކަމަށެވެ. އެބަޔާނުގެ ބޭނުމަކީ ސިޔާސީ ވަކި މަޤުޞަދުތަކެއް ޙާޞިލް ކުރުމަށާއި، ސިޔާސީ ވަކި ވަކިބައެއްގެ އަގު ވައްޓާލުމަށް ހިންގި ދަށުދަރަޖައިގެ ޢަމަލެއް ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އެބަޔާނުގެ ސަބަބުނފުލުހުން ކުރަމުންދާ ތަޙުޤީޤަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަޙްމަދު ރިޟްވާން ޢަބްދުﷲ، ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 13 އޮގަސްޓް 2014 ވަނަ ދުވަހު އެވެ. އެހިސާބުން ފެށިގެން ފުލުހުން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު