ޚާއްސަ ދާއިރާތަކުން ޑޮކްޓަރުން ހޯދުމަށް ލަންކާގެ އެހީ ލިބޭނެެ-ރައީސް ޔާމީން

image ރައީސް ޔާމީން ލަންކާއަށާއި، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވުން-ފޮޓޯ: ރައީސް އޮފީސް

އެކިދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން ރާއްޖެއަށް ހޯދައި ދިނުމަށް އެހީވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްރީލަންކާގެ ހެލްތު މިނިސްޓަރ ދެއްވައިފި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާއަށާއި، ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާއިން އެހީވާނީ ހޭނައްތާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހޯދުމަށް ކަމަށެވެ.

ޑޮކްޓަރުން ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ އިތުރަށް ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުޅާކޮށް "އާސަންދަ" ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުންވެސް ލަންކާގެ ހެލްތު މިނިސްޓަރާއެކު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރަށް ސްރީލަންކާގެ ހޮސްޕިޓަލްތަކުން ޚިދުމަތްހޯދާ ދިވެހިންނަށް ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގެންނެވީ އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ޕާޓީސް (އައި.ސީ.އޭ.ޕީ.ޕީ)ގެ 8 ވަނަ އާންމު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިއީ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސް ޔާމީން ވަނީ ސިންގަޕޫރަށްވެސް ވަޑައިގެންނެވިއެވެ. އެއީ އެގައުމުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް