ޓީޗަރުންގެ މައްސަލަތައް ހައްލުކުރުމަށް މިހާރުވަނީ މަގުޗާޓެއް އެކުލަވާލެވިފައި-އެޑިޔުކޭޝަން
ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ހުށަހަޅައިފައިވާ ކަންކަން ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝްރީފް ވިދާޅުވީ ޓީޗަރުން ހުށަހަޅާފައިވާ މައްސަލަތަކަކީ ވަރަށް މުހިންމު މައްސަލަތަކެއް ކަމަށެވެ. އެހެން ކަމުން އެމައްސަލަތައް ހައްލު ކުރުމަށް ޓީޗަރުންގެ ޖަމިއްޔާއާ ގުޅިގެން ވަރަށް ބޮޑަށް މަަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަގުޗާޓާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޓީއޭއޭމް ގެ ކަންބޮޑުވުންތައް މިނިސްޓްރީން ވަރަށް ސީރިއަސްކޮށް އަޑުއަހައިފި ކަމަށެވެ. އެކަން ކަމަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ކަންބޮޑުވުންތަކަކީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ސިސްޓަމްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެއް،" އޭނާ ވިދާޅުވިއެވެ.
ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެޑިޔުކޭޝަނާއި ޓީޗާސް އެސޯސިއޭޝަނާ ގުޅިގެންވަނީ މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުލިބިއްޖެ ކަމަށްވާނަމަ މާދަމާ ސީދާ ހަރަކާތަށް ނިކުންނާނެ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މާދަމާ ކުރުމަށް ހަމަޖައްސާފައިވާ ހަޅުތާލާ މެދު ގޮތެއް ނިންމާނީ މިރޭ ކަމަށްވެސް ޓީޗަރުންގެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެޖަމިއްޔާގެ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށް ޓީއޭއެމްގެ ނާއިބް ރައީސް ޢަބްދުﷲ ރާޒީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު