ކަޅުހެދުމުގެ ސިގްނަލަކީ "ގުގުރާލުމުގެ ކުރިން ދައްކާލި ވިދުވަރެއް": ޓީއޭއެމް
މިއަދަކީ ޓީޗަރުންގެ ކަޅުހެދުމުގެ ދުވަހެއް ކަމަށާއި ކަޅުހެދުމުގެ ސިގްނަލަކީ ގުގުރާލުމުގެ ކުރިން ދައްކާލި ވިދުވަރެއް ކަމަށް ޓީޗާސް އެސޯސިއޭޝަން (ޓީއޭއެމް) ގެ ރައީސް އާތިފް ޢަބްދުލް ޙަކީމް ވިދާޅުވެއްޖެއެވެ.
ކަޅުހެދުމުގެ ދުވަހެެއްގެ ގޮތުގައި މިއަދު ފާހަގަކުރަނީ ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އެކަމުގެ މޮޅިވެރިކަން ހާމަކުރުމަށްތޯ ދެންނެވުމުން އާތިފް ވިދާޅުވީ "ޓީޗަރުން މިހާރު މިދިނީ ސިގްނަލެއް. ގުގުރާލުމުގެ ކުރިން ވިދުވަރެކޭ މިއަންނަނީ. އެހެންވީމާ ސިދާ ހަރަކާތަށް ދިޔުމުގެ ކުރިން މިއަދު މިދެނީޔޭ ސިގްނަލެއް ކަޅުން،" ކަމަށެވެ.
މިއަދަކީ ޓީޗަރުންގެ ކަޅުހެދުމުގެ ދުވަހަކަށްވިޔަސް އެއްވެސް ޓީޗަރަކު ކަޅުހެދުން ލައިގެން އަންނަން އެޖަމިއްޔާއިން އަންގާފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މިއަދު ސްކޫލަށް ވަކިން ޓީޗަރުން ކަޅު ހެދުމުގައެއް ނުއެއް ނިކުންނާނެ. މިއަދަކީ ޓީޗަރުންގެ ކަޅުހެދުމުގެ ދުވަހެއް. އަޅުގަނޑުމެން އެއްފަހަރަކުވެސް ނުދަންނަވަން ސްކޫލަށް ޓީޗަރުން ނިކުންނާށޭ ކަޅުހެދުމުގައި. އެކަމަކު މިއީ ޓީޗަރުންގެ ކަޅުހެދުމުގެ ދުވަހެއް،" އޭނާ ވިދާޅުވިއެވެ. ކަޅުހެދުމުގެ ދުވަހެއްގެ ގޮތުގައި މިއަދު ފާހަގަކުރިޔަސް މާދަމާ ކުރިއަށްދާނީ އާދައިގެ ދުވަހެއްގެ ގޮތުގައި ކަމަށް އާތިފް ވިދާޅުވިއެވެ. ނަމަވެސް މާދަމާވެސް އެ ޓީޗަރަކު ބޭނުންވާ ކުލައެއްގެ ހެދުމެއް ލައިގެން އައުމުގެ އިޚްތިޔާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓީޗަރުން އިޖުތިޖާޖު ކުރުމަށް ނިކުންނާނީ އަންގާރަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ޓީޗަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަދީ އެކަންކަން ކޮށްދޭނެ ގޮތުގެ "ޓައިމްލައިނެއް" ދޭ ހިސާބުން އެކަން ނުކުރައްވާނެ ކަމަށެވެ. އާތިފް ވިދާޅުވީ ޓީޗަރުންގެ ކަންބޮޑުވުންތައް ވަރަށްގިނަ ކަމަށެވެ. ނަމަވެސް މިފަހަރު ޑިމާންޑް ކުރަނީ މައިގަނޑު ތިން ކަމަކަށް ކަމަށެވެ. އެއްކަމަކީ މުސާރައާއި އިނާޔަތްތައް އިންސާފުން ހަމަހަމަ ކުރުމެވެ.
އޭނާ ވިދާޅުވީ ދައުލަތުގައި ފައިސާނެތް ކަމަށްވާނަމަ މުސާރަ ކުޑަކުރިޔަސް ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ "އިންސާފާއި ހަމަހަމަ ކަމާއެކު" ކަމަށެވެ.
އޭނާ ވިދާޅުވީ ސެޓްފިކެޓް ލެވެލްގެ 7 ގެ ޓީޗަރަކު ކޮންމެ ރަށެއްގައި ހުއްޓަސް އެފެންވަރުގެ ޓީޗަރުންނަށް މުސާރަ ހަމަހަމަވާން ޖެހޭނެ ކަމަށެވެ.
ދެވަނަ ކަމަކީ ޓީޗަރުންނާއި، ދަރިވަރުންގެ ސަލާމަތާ ބެހޭ ކަންކަމެވެ. "ސްކޫލްތަކުގެ ސައިންސް ލެބްތަކުގައި ކެމިކަލް ގެންގުޅޭ. އެތަންތަނަށް ދޭންޖެހޭ ސަލަމަތާއި ރައްކާތެރިކަން ނުދެވޭ. އެތަކެތި ނައްތާލަންޖެހޭ މުއްދަތުގައި އެކަންވާނެ އިންތިޒާމެއްނެތް. މިއީ ނާޒުކު މައްސަލައެއް. ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރި ވުމުގެ ފިޔަވަޅު އަޅަންޖެހޭ." އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުގައި ލިފްޓް ނުހުންނަ މައްސަލައަކީވެސް ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. "ކުއްޖަކަށް ކަމެއް ދިމާވެގެން ބާލަން ޖެހުނަސް އަތްދަނޑިމަތީ ބާއްވައިގެން ބާލަންޖެހެނީ. އެވަރުން ބާލާއިރު ފަސްޓްއެއިޑް ދެވެން ހުންނަންޖެހޭނެ. އެންމެ ކުޑަމިނުން އަށިގަނޑެއް ހުންނަން ޖެހޭނެ. ހެލްތު ރޫމެއް ހުންނަންޖެހޭ. މާލޭގެ ބައެއް ސްކޫލްތަކުގައިވެސް މިކަންކަން އިންތިޒާމު ވެފައި ނުހުރޭ. އަތޮޅުތަކުގައި މާބޮޑު މިކަން،" އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ އިތުރަށް އަމިއްލަ ސްކޫލްތަކުގައި ކިޔަވަ ކުދިންގެ ސަލާމަތާމެދުވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ބައެއް ސްކޫލްތަކުގައި އެކަށީގެންވާ ލައިބްރަރީއެއް ނެތުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ތަޢުލީމީ ކަންކަން ނިންމާއިރު ޓީޗަރުންގެ ބަސް ނުހިމަނައި ކަންކަން ނިންމާ މައްސަލައެވެ. ތަޢުލީމާ ބެހޭ ބިލެއް އެޑިޔުކޭޝަން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޓީއޭއެމްގެ ބަހެއް ނުހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުން އެ ޖަމިއްޔާއަށް ސިޓީ ފޮނުވައިގެން އެޖަމިއްޔާގެ ބަސް ހޯއްދެވި ކަމަށް ވިދާޅުވިއެވެ. "އެއިން އެނގުނީ އަޅުގަނޑުމެންގެ ބަލަދުވެރިޔާ (އެޑިޔުކޭޝަން) ވެސް އަޅުގަނޑުމެން ބަލައި ނުގަންނަކަން،" އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ އެޖަމިއްޔާއަކީ 4000 އަށްވުރެ ގިނަ ޓީޗަރުން މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޖަމއްޔާއެއް ކަމަށެވެ. އެެހެން ކަމުން ތައުލީމީ ކަންކަމުގައި އެޖަމިއްޔާގެ ބަސް ނުހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން ނިންމާއި ޓީޗަރުންގެ ބަސް ހިމެނުމަކީ ތިންވަނަ ޑިމާންޑެވެ.
އަންގާރަ ދުވަހު ކުރުމަށް ނިންމާފައިވާ އިހުތިޖާޖު ހުއްޓާލާނީ މަޝްވަރާގެ މޭޒު ދޮށުން ކަންކަން ހައްލުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު