އޯޒޯން ދުވަސް ފާގަކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި
ދުނިޔޭގެ އޯޒޯންފަށަލަ ހިމާޔަތް ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން މިއަދު ހަރަކާތްތަކެއް ބާއްވައިފިއެވެ.
އެ މިނިސްޓްރީން މިއަދުވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހާ (އޯޒޯން ދުވަސް) ދިމާކޮށް މާރބްލް ކެފޭގައި ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
މިބައްދަލުވުމުގައި އެމިނިސްޓްރީގެ އިސްވެރިންނާއި، ދައުލަތުގެ ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފޫޅުންނާއި ރާއްޖޭގައި ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިން ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިންނެވިއެވެ.
މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި އޯޒޯންފަށަލައަށް ގެއްލުން ދެނެވި މާއްދާތައް ބޭނުން ކުރުމާއި އެތެރެކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރަށް އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް އެކަށައެޅިފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރާއްޖޭން ހޯދައިފައިވާ ކާމިޔާބީތައްވެސް ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ރެފްރިޖެރޭޝަން އަދި އެއަރކޮންޑިޝަންނިންގ ދާއިރާގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާއެއް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ރަޖިސްޓްރީ ކުރެވި އިފްތިތާޙް ކުރައްވާފައެވެ. މިއީ ދިވެހިރާއްޖޭގައި އޯޒޯން ފަށަލައަށް ގެއްލުންދެނެވި ގޭސްތަށް ބޭރުކުރުން ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މީގެ އިތުރުން އޯޒޯންފަށަލަ ހިމާޔަތް ކުރުމުގެ މަސަކަތުގައި ހޭލުންތެރި ކުރުވުމުގެ ވޯރކްޝޮޕްތައް ހިންގުމަށްޓަކައި މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމެވެ. އަދި ފެކަލްޓީ އޮފް އިންޖިނައަރިންގ ޓެކްނޮލޮޖީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ.ހަސަން ހަމީދެވެ.
ދުވަހުގެ ފަހު ޙަރަކާތެއްގެ ގޮތުން މޯލްޑިވްސް އިންސްޓިޓިޓުއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ހުޅުމާލޭގައި ޤާއިމުކޮއްފައިވާ ގޭސް ރިކަވަރީ އެންޑް ރިކްލެމޭޝަން ސެންޓަރ، މިނިސްޓރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމް ހުޅުއްވައިދެއްވިއެވެ. މިސެންޓަރގެ ސަބަބުން ޖައްވަށް ދޫކުރެވޭ އޯޒޯން ފަށަލައަށް ގެއްލުންދެނެވި ގޭސްތައް ބޭރުވުން މަދުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ތިމާވެށްޓާ ބެހޭ މިނިސްޓްރީން ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު