އެމްޑީޕީގެ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި
އެމްޑީޕީގެ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ، ޗެއަރ ޕާސަން އަލީ ވަހީދުގެ އިތުރުން އެ ޕާޓީގެ ލީޑަރ ޝިޕުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އިދިކޮޅު އެމްޑީޕީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފައިމިވަނީ އެ ޕާޓީގެ ހަރާކަތްތައް ދުވަސްކޮޅަކަސް މަޑުޖެހިފައި އޮތުމަށްފަހު އަލުން ފެށުމުގެ ގޮތުން ކަމަށް އެ ޕާޓީގެ ޗެއަރ ޕާސަން ވަނީ ވިދާޅުވެފައެވެ.
"ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ހަރަކާތްތައް ވަރަށް ވަރުގަދައަށް ހިންގި. ޕާޓީގެ މެމްބަރުންގެ މަސައްކަތުން ވަނީ އެކަށީގެންވާ ކާމިޔާބީއެއް ހޯދާފައި. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކަން ހިނގާގޮތެއް މިއީ ހަރަކާތައް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށްފަހު ކުޑަކޮށް ސްލޯޑައުންވުމަކީ (މަޑު ޖެހުމަކީ). އިރާދަ ކުރެއްވިއްޔާ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އަޅުގަނޑުމެން އަނެއްކާވެސް މި ނުކުންނަނީ އައު އުންމީދުތަކަކާއެކު،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާންމު ޖަލްސާއެއް ނުބޭއްވި ލަސްވެފައިވަނީ އެ ޕަޓީގެ ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ. އެހެން ނަމަވެސް އެމަނިކުފާ އަލުން ވަޑައިގެން ޕާޓީގެ ހަރަކާތްތައް ފެށުމާއެކު ސަރުކާރު ޒިންމާދާރު ކުރުމަށް "ބުރަ" މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ހިޔާލު