ރައީސް ޔާމިންގެ ދައުވަތަކަށް ޗައިނާ ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަންނަވަނީ
ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާން، އަދި ޗައިނާގެ އެންމެ މަތީ ފެންވަރުގެ ވަފުދެއް މި ފެށޭ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ޗައިނާ ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކަމަށް އެ އޮފީހުން ހާމަކުރެއެވެ.
މިދަތުރުފުޅު ވެގެން ދާނީ ޗައިނާގެ ރައީސަކު ދިވެހި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރަށް ވެސް އެ އޮފީހުން ހާމަކުރެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖޭގައި ހޭދަ ކުރައްވާ ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެކު ރަސްމީ ގޮތުން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ވަފްދުތަކުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި، ރާއްޖޭގައި ހިންގޭ ތަރައްޤީގެ ދެ މަޝްރޫޢްއެއް އިފްތިތާޙް ކުރެއްވުން ވެސް މިދަތުރުފުޅުގެ ތެރޭގައި ހިމެނިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުން ހިމެނޭކަމަށް އެ އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ޗައިނާގެ ރައީސްގެ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ މަސީޙް މުޙައްމަދާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ރައީސް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވާފައި ވަނީ، ހުސްވި މަހު ޗާއިނާގެ ރައީސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ނަންޖިންގއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކުގެ ތެރޭގައިކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު