ރާއްޖޭގެ މަސްވެރިކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނަން-ފިޝަރީޒް
ރާއްޖޭގެ މަސްވެރިކަމާއި، އިގްތިސާދަށް ބުރާއަރާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމަށް މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
އެމިނިސްޓްރީން މިހެން ބުނެފައިވަނީ މިހާރު ކޮޅުނބުގައި ބާއްވާ މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެނިކުމެ، އަރަބި ކަނޑަށް ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ސްރީލަންކާއަށް ދީފި ކަމަށް ފެތުރިފައިވާ މައުމާތު ދޮގު ކުރައްވައި ނެރެފައިވާ ބަޔާނެއްގައެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އެވާހަކައަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ދެ ގައުމުގެ މެދުގައި މިހާތަނަށް ބާއްވާފައިވާ ބައްދަލުވުން ތަކުގައި ލަންކާއިން މައިގަނޑު ގޮތެއްގައި ހުށަހަޅައިފައިވަނީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑު ހުރަސްކޮށް އަރަބި ކަނޑަށް ދިޔުމުގައި ގަނޑުކޮށް ކުރިން ހުއްދަ ނުހޯދައި ހުރަސް ކުރުމުގެ ހުއްދައަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މިއަދުގެ ބައްދަލުވުމަށްވެސް މިހުށަހެޅުން އަންނާނެ ކަމަށް ލަފާ ކުރާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހުށަހެޅުމަށް ސަރުކާރުން ދީފައިވާ ޖަވާބަކީ ރާއްޖޭގެ ކަނޑުތަކާ ބެހޭގޮތުން ހަދާފައިވާ ގާނޫނާއި ގަވާއިދުތަކަށް ލަންކާގެ އުޅަނދުފަހަރުން އަމަލުކުރުން ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
"ދިވެހިރާއްޖޭގެ މަސްވެރިންނާއި އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބުރޫއަރާނެ އެއްވެސް ކަމެއް އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި އިގްތިސާދަށް އެއްވެސް އުނިކަމެއް އަންނާނެ ކަމަކަށް ދިވެހި ސަރުކާރުން އެއްބަސް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް މިސަރުކާރުގެ ފަރާތުން ދެމެވެެ." ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު