އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދެއް އާންމުކޮށްފި

image

ދިވެހިރާއްޖޭގައި ޝާއިއު ކުރާ އަދަބިއްޔާތު ފާސްކުރާނެ ގަވާއިދެއް އާންމުކޮށްފިއެވެ.

އެގަވާއިދު ބުނާގޮތުން އެފަދަ ލިޔުމެއް ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން އަށް ހުށަހަޅައިގެން ފާސް ކުރަންޖެހޭނެއެވެ.

"ދިވެހިރާއްޖޭގައި ޝާއިޢުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" ގެ މަގުސަދަކީ ޝާއިރު ކުރެވޭ އަދަބިއްޔާތެއްގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުޑަކުރުން ކަމަށް ގަވައިދު ގައިވެއެވެ. މީގެ އިތުރުން ޝާއިރު ކުރެވޭ އަދަބިއްޔާތަކީ އިޖްތިމާއީ މިންގަނޑު ތަކަށް ފެތޭ އުފެއްދުން ތަކަކަށް ހެދުން ކަމަށްވެސް ބުނެފައި ވެއެވެ.

އެގަވާއިދުގައި ބުނެފައިވާ ގޮތުން އޭގެ ސަބަބުން ބިނާ ކުރަނިވި އައު ވިސްނުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހަނިކަމެއް އައިސްގެން ނުވާނެއެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް، ޖަމްޢިއްޔާއެއް، ކުންފުންޏެއް ނުވަތަ ސަރުކާރުގެ ވަކި އިދާރާއެއްގައި، ނުވަތަ މިފަދަ އެހެން އިދާރާއަކުން އެތަނުގެ މެންބަރުންގެ މެދުގައި މަޢުލޫމާތު ފެތުރުމަށްޓަކައި ޝާއިޢުކުރާ ލިޔުންތައް އިސްތިސްނާ ވާނޭ ކަމަށް އެ ގަވާއިދުގައިވެއެވެ. އެ ގަވައިދުގެ ދަށުން ފޮތް ފާސް ކުރުމަށްޓަކައި ފާސްކުރަން ބޭނުންވާ ފޮތުގެ އެއް ނަކަލު، (ކޮޕީ) އޮންނަންވާނީ ޝާއިޢު ކުރަން ބޭނުންވާ ގޮތަށް ފުރިހަމަކޮށްފައި ކަމަށް ގަވައިދުގައިވެއެވެ. އަދި ފޮތް ފާސް ކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ވެސް ގަވައިދުގައި ވެއެވެ. އަދި 50 ރުފިޔާގެ ސްޓޭމްޕެއް ވެސް ފޮތް ފާސް ކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އެ ގަވައިދުގައިވާ ގޮތުން ޅެމެއްވެސް އާންމު ކުރެވޭނީ ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ފާސް ކުރުމުންނެވެ. "ޅެން އާންމުކުރުން" ކަމަށް ބުނެފައި ވަނީ، އެއްވެސް ގޮތަކަށް ލިޔެގެން ޝާއިޢުކުރުމާއި، ރިކޯޑުކޮށްގެން ވަކިން ނުވަތަ އަލްބަމް ހަދައިގެން ވިއްކުމާއި، ފިލްމެއް ނުވަތަ ޑޮކިޔުމަންޓްރީ އެއްގައި ހިމެނުމާއި، ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރުމާއި، އިންޓަރނެޓް މެދުވެރިކޮށް އާންމުކުރުމާއި، ރިންގ-ޓޯންގެ ގޮތުގައި އާންމު ކުރުމެވެ.

ޅެން ފާސް ކުރުމަށް ބޭނުންވާ ޅެމުގެ އަސްލާއި ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި މި އަސްލާއި ކޮޕީގައި އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ބޭފުޅެއް ލައްވާ ސޮއިކުރަން ޖެހެއެވެ. މީގެ އިތުރުން 50 ރުފިޔާގެ ރެވެނިޔު ސްޓޭމްޕެއް ހުށަހަޅަންޖެހެއެވެ.

މިގަވައިދުގައިވާ ގޮތުން ނޭޝަނަލް ބިޔުރޯ އޮފް ކޮލިފިކޭޝަން ގައި އަދަބިއްޔާތު ފާސް ކުރާ ދަފްތަރެއް އޮންނަން ވާނެއެވެ. އަދި އެ ދަފްތަރުގައި އެކި ފަންނު ތަކުގެ ބޭފުޅުން ލިސްޓް ކުރެވިފައި ފެންނަށް އޮންނަން ވާނެ ކަމަށް ވެސް ވެއެވެ. ދިވެހިރާއްޖޭގެ ފޮތް އަދި ޅެންތަށް ފާސް ކުރާނީ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ނިންމުމުގެ މަތިން ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ދަފްތަރުގެ މެންބަރަކަށް ވުމަށް ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި މުސްލިމެއްކަމުގައި ވުމާއި ސުންނތް ޖަމާއަތުގެ މީހެއް ކަމުގައި ވާންޖެހޭ ކަމަށް މިގަވައިދުގައިވެއެވެ. އަދި އުމުރުން 30 އަަހަރު ވުމާއި ކުށެއް ސާބިތު ވެފައިވާ މީހެއް ނަމަ ކުއްތަންފީޒު ކުރިތާ ފަސް އަހަރު ވެފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ. އަދި ފާސް ކުރަން ހުށަހެޅޭ ލިޔުމެއްގެ ދާއިރާ އަކުން 10 އަހަރުގެ ތަޖުރިބާ ހުރުމާއި އަދި އެ ދާއިރާ އަކުން ތައުލީމު ހާސިލް ކޮށްފައިވާ މީހެއް ކަމުގައި ވެސް ވާންޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ.

އެގަވާއިދުގައި އެހެން ގޮތަކަށް އާންމު ނުކުރާހާ ހިންދަކު ނޭޝަނަލް ބިއުރޯ އިން ފާސް ނުކޮށް އިއުލާން ކުރުމަކީ މަނާ ކަމެކެވެ. ގަވާއިދާ ހިލާފަށް އެކަން ކޮށްފިނަމަ އެ ފަރާތެއް 500 ރުފިޔާ އާއި 5000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް