ހައްދުންމަތީ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާ ބައްދަލު ކުރައްވައިފި
ހައްދުންމަތީގެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްރާ ކުރެއްވުމަށް އެއަތޮޅު ކައުންސިލުގެ މެންބަރުން ސަރުކާރުގެ މިނިސްޓްރީތަކާ ބައްދަލުކުރައްވައި ފިއެވެ.
ދުވަސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ހުސައިން ހަލީލް ވިދާޅުވީ މި ދަތުރަކީ ލ. އަތޮޅަށް ދިމާވެފައިވާ އެކި އެކި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކި ސަރުކާރުގެ މިނިސްޓްރީތަކާ މަޝްވަރާ ކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރެއް ކަމަށެވެ.
މިދަތުރުގައި "ހުރިހާ މިނިސްޓްރީތަކުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ. މަޝްވަރާތަކުގައި ހުރިހާ މިނިސްޓްރީތަކުން ދެއްކެވި ވާހަތަކަށް ބަލާނަމަ މި ދަތުރަކީ ކާމިޔާބު ދަތުރެއް،" ދަތުރެއް" ހުސައިން ހަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުތެރޭގައި އެއަތޮޅުން 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މިއަހަރުތެރޭގައި އިސްދޫ، މާބައިދޫގައި އެސްޓިއޯގެ ބޭސް ފިހާރަ ހުޅުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަބިދޫގެ ބަދަރުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުސައިން ހަލީލް ވިދާޅުވީ ފުނަދޫ ދައިރާގެ މެންބަރ އަބްދުލް ރަހީމް މި ބައްދަލުވުން ތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. "ނަމަވެސް ގަމު ދާއިރާގެ މެންބަރ ފައްޔާޒް އިސްމާއިލާއި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވުމުގެ ސަބަބުން އޭނާއަށް މިބައްދަލުވުންތަކަށް ދައުވަތު ނުދެން،" އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފައްޔާޒު އިސްމާއީލް ވިދާޅުވީ އޭނާ ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ޕާޓީއެއްގެ ފިކުރަށް ބައްލަވައިގެން ނޫން ކަމަށެވެ. ނަމަވެސް އަމިއްލައަށް އިސް ނަންގަވައިގެން މިހާރުވެސް ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެބޭފުޅުން އަޅުގަނޑަށް ދައުވަތު ދެއްވިނަމަ އެދައުވަތު ގަބޫލުކޮށް އެބޭފުޅުންނާއެކު މަޝްވަރާ ތަކުގައި ބައިވެރިވީމުސް،" ފައްޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު