މާލޭ ސްކޫލުތައް ކައިރީގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ބައިވެރިކުރަން ނިންމައިފި
ސްކޫލުތައް ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކުރުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ހެނދުނު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
އެ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލް ޠާހާ ސަލީމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށް ފުލުހުން ބުނެއެވެ.
ޕްރޮގްރާމުގެ ދަށުން އެސްކޫލު ދަންފަޅިތައް ފެށޭ ގަޑީގައި އަދި ދަންފަޅި ނިމޭ ގަޑީގައި ސްކޫލު ކައިރީގައި ޓްރެފިކް ފުލުހުންނާއެކު އެސްކޫލުގެ ދަރިވަރުން ޙަރަކާތްތެރިވާނެކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
މިއަދު ކުރިއަށް ދިޔަ މިޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ތިބޭނީ ޓްރެފިކް ޖެކެޓު ލައިގެންކަމަށް ފުލުހުން ހާމަކުރެއެވެ.
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން މަޢުލޫމާތު ދިންގޮތުގައި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކާ ބެހޭގޮތުން މަޢުލޫމާތުދީފައިއެވެ. އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނު ވެސްވަނީ ދީފައިވާކަމަށް އެ ޑިޕާޓުމަންޓުން ހާމަކުރެއެވެ.
ޣިޔާޘުއްދީން ސްކޫލުގައި އިފްތިތާޙް ކުރެވުނު މިޕްރޮގްރާމް މާލޭގެ އެހެން ސްކޫލުތަކުގައި ވެސް ފެށުމަށް ވެސް ހަމަޖައްސާފައިވާކަމަށް ފުލުހުންބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު