ބެލެނިވެރިން ނުކުމެ ބަންދު ކުރި ލ. އަތޮޅު މަދަރުސާގެ ކިޔެވުން މިއަދު ފަށައިފި
އިސްލާމް މާއްދާ ކިޔަވައި ދެމުން ގެންދިޔަ ޓީޗަރ އެހެން ސުކޫލަކަށް ބަދަލުކުރުމާ ގުޅިގެން ބެލެނިވެރިން ނުކުމެ އިއްޔެ ބަންދުކުރި ލ. އަތޮޅު މަދަރުސާގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދުވަސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ލ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލް ޝަރީފާ ޢަބްﷲ ވިދާޅުވީ އިއްޔެ ސުކޫލް ބެލެނިވެރިން ނުކުމެ ސުކޫލް ބަންދުކުރުމާ ގުޅިގެން އޭނާ ސުކޫލްގެ ބެލެނިވެރިންނާ ރޭ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އެއްބަސްވެފައިވަނީ ކުރިއެކޭ އެއްގޮތަށް މަދުރަސާގެ ކިޔެވުން މިއަދު ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.
ބެލެނިވެރިން އިއްޔެ ނުކުމެ މަދުރަސާ ބަންދު ކުރި މައްސަލައިގައި ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ " ސްކޫލު ބަންދުކުރި މައްސަލަޔާ ބެހޭގޮތުންނާއި ބެލެނިވެރިން އަމަލުކުރެއްވި ގޮތާ މެދު އެއްޗެއް ބުނެވޭކަށްނެތް،" ކަމަށެވެ.
ދުވަސް ނިއުސްއަށް މައުލޫމާތު ދެމުން ސުކޫލްގެ ބެލެނިވެރިޔަކު ބުނީ ސްކޫލް ބަންދު ކުރި މައްސަލާގައި ޕްރިންސިޕަލް ބެލެނިވެރިންނާ ރޭ ބައްދަލު ކުރެއްވި ކަމަށެވެ. "ބައްދަލުކޮށް ވިދާޅުވީ ފަސް ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް،" ބެލެނިވެރިޔާ ބުންޏެވެ.
އެ މަދަރުސާ ބަންދު ކޮށްފައިވަނީ އެ މަދަރުސާގެ ހުރި ހަމައެކަނި އިސްލާމް މާއްދާ ކިޔަވައި ދެއްވާ ޓީޗަރ ލ. ގަމަށް ބަދަލުކުރުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު