ދުންފަތުގެ ގާނޫނާ ޚިލާފުވެގެން 1900 މީހުން ޖުރިމަނާ ކޮށްފި
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދާ ޚިލާފުވެގެން 1900 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 31 ން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 1927 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ޖުރިމަނާ ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަނުގެ ގޮތުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަނުން ޖޫރިމަނާކުރެވިފައިވާ މީހުންނެވެ.
ދުންފަތުގެ އިސްޢުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ސިނަމާތަކާއި ޖަލްކުރާ މާލަމްތަކާއި މިސްކިތްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ދަރުބިއްޔަތުދޭ ތަންތަނާއި އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި އެތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި އެތަންތަނުގެ ގޯއްޗާއި ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަށް ޚިދުމަތްދޭ ތަންތަން ހިމެނެއެވެ.
މީގެ އިތުރަށް ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި ކުޅިވަރުކުޅޭ މަރުކަޒުތަކާއި ކޯޓުތަކާއި ދަނޑުތަކާއި ސެޓޭޑިއަމްތަކުގެ އިތުރުން މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކާއި ރިހިބިލިޓޭޝަން ސެންޓަރުތަކާއި އެތަނެއްގައި އޮންނަ ހާމަ ބިންތަކާއި ކުޑަކުދިންގެ ޕާކުތަކާއި އެކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަަންތަންވެސް ހިމެނެއެވެ.
ފެރީ އުޅަނދުތަކާއި ފެރީޓާމިނަލްތަކާއި ދަތުރުފަތުރު ކުރުމުގައި ފަސިންޖަރުން އުފުލުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ކޮންމެ އުޅަނދަކާއި ސައިހޮޓާ ރެސްޓޯރެންޓް އަދި މީނޫންވެސް ކެއިންބުއިމުގެ ޚދުމަތްދެ ތަންތަނުގެ ތެރެއިން އެއަރ ކޮންޑިޝަން ކޮށްފައިވާ ތަންތަނާއި އެއަރ ކޮންޑިޝަން ކޮށްފައިނުވާ ހޮޓާ ރެސްޓޯރަންޓް ކެފޭގެ އަދި މިނޫނަސް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަން ފިޔަވައި އެހެނިހެން ތަންތަނާއި ތަކެތި ނުވަތަ ޚިދުމަތް ލިބިގަތުމަށް އެތަނަކަށް އާންމުކޮށް މީހުން ވަންނަންޖެހޭ ނުވަތަ ކިއު ހަދައިގެން ނުވަތަ އެހެންގޮތަކަށްވިއަސް މަޑުކޮށްގެން ތިބެންޖެހޭ ތަންތަނާއި އާންމުކޮށް ހުޅުވާލެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާތައްތައް ގޮތުގައި ކަނޑަ އަޅާފައިވެއެވެ.
އާންމުތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ އެކަމެއް ކުރާ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެނިހެން ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާނަމަ އެތަނެއް ވެރިފަރާތް 1000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާތަނެއްގައި އެކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާނަމަ އެތަނެއްގެ ވެރިފަރާތް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު