ޕީޖީ ކޮމެޓީއަށް ހާޒިރުކުރަން އެމްޑީޕީން ހުށަހަޅައިފި
ޕްރޮސިކުޓަ ޖެނެރަލް (ޕީޖީ) މުހްތާޒު މުހްސިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރުމަށް އެމްޑީޕީން އިއްޔެ ހުށަހަޅައިފިއެވެ.
މައްސަލަ ހުށަހަޅުއްވާފައިވަނީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ވެލިދޫ މެމްބަރު އަބްދުﷲ ޔާމީނެވެ.
ޕީޖީ މަޖިލީހަށް ހާޒިރުކުރުމަށް އެމްޑީޕީން ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވަޅިން ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވޭ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލައިގައިއެވެ.
މުހްތާޒު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ނިންމާފައިވަނީ، އަލްހާނަށް ހަމަލައިދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ މައްސަލަ ހަތް މަސްދުވަސް ކުރިން ޕީޖީއަށް ފޮނުވިނަމަވެސް އެމީހުންގެ މައްޗަށް ޕީޖީން ދައުވާ ނުއުފުލާ ކަމަށްބުނެ އެ ދެމީހުން ފުލުހުންގެ ބަންދުން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު އަމުރުކުރުމުންނެވެ. އެތަނުން އެކަކު ދޫކޮށްލުމަށް ލަފާދީފައިވާކަމަށް ވެސް ކޯޓުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަލްހާނަށް ހަމަލައިދިން މައްސަލައިގައި ދައިވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ، ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމެވެ.
ފެބުރުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން އަލްހާނަށް ހަމަލާ ދީފައިވަނީ އޭނާ ބްރޭކް ވޯޓާ ރެސްޓޯރަންޓުގައި އިންނަވަނިކޮށެވެ. އެ ހާދިސާގައި އަލްހާނުގެ މައިބަދައިގެ ކަށިކޮޅެއް ނައްޓައިގެން ދިއުމުގެ ސަބަބުން އޭނާގެ އެއްފައިގެ ވާގިވެސް ނެތިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު