ރިޟުވާން ހޯދުމުގައި ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރޭތޯ ކަށަވަރު ކުރަންޖެހޭ- އީވާ
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާން ހޯދުމުގައި ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރޭތޯ ކަށަވަރު ކުރަންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅު ވެއްޖެއެވެ.
މިއަދު އެޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، ސިޔާސީ މީހަކު ހައްޔަރު ކުރަން ސަރުކާރުން ބޭނުން ވެއްޖެ ކަމުގައިވާނަމަ ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން އެކަން ކުރައްވަމުން ގެންދާ ކަމަށެވެ. ހަމައެގޮތަށް މިއަދު ދިވެހި ރައްޔިތަކު ގެއްލުނީމާ ސަރުކާރުގެ ހުރިހާ ވަސީލަތްތައް މިކަމަށް ބޭނުންކުރޭތޯ ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
"ސަރުކާރުގެ ކިބައިން އަޅުގަނޑުމެން ޔަގީން ކަމެއް ބޭނުންވަނީ، މިކަމަށް ސަރުކާރުގެ ހުރިހާ ރިސޯސަސްއެއް ބޭނުން ކުރޭތޯ. ސިޔާސީ މީހަކު ފަހާ ދުވަން ވެގެން އަޅުގަނޑުމެންނަށް ފެނުނު އެސްއޯ އާއި ސުވަޓް ޓީމު ނެރެގެން އުޅުނުތަން. އަދި ކޯސްޓުގާޑުން ރަށްރަށަށް ފުރަފުރައިގެން މީހުން ގެންނަތަން. މިއަދު ގެއްލިގެން މިއުޅެނީ ރިޟުވާން. މާދަމާ އަޅުގަނޑުމެންނަށް ނޭނގެ ކާކުގެ ދަރިއެއް ކަމެއް ގެއްލޭނީ" އީވާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ މިފަދަ ކަންތައްތަކުން ސަލާމަތް ވެވެން އޮތީ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ބޮޑު ސަމާލު ކަމެއްދީ އެމީހުންގެ ސަލާމަތަށް އިސްކަންދީގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު