މަތިންދާ ބޯޓު އުދުހިފައިވަނީ ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރުން-އެމެރިކާ
ހުވަދޫ ކަނޑާ ދިމާ މަތިން އުދުހިފައިވާ މަތިންދާ ބޯޓުފަހަރަކީ އެމެރިކާ ބޯޓު ފަހަރު ކަމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.
އެތަނުން ބުނެފައިވަނީ އެ ބޯޓުފަހަރު އުދިހިފައިވަނީ ރާއްޖޭގެ ވައިގެ ސަރަހައްދުގެ އިމުން ބޭރުން ކަމަށް އެމެރިކާ އިން ބުނެފައިވާ ކަމަށެވެ.
އެ އޮތޯރިޓީގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ވައިގެ ސަރަހައްދުން ބޭރުންކަމަށް އެއެމެރިކާއިން ބުނި ކަމަށްވިޔަސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ނޭނގި އެ ބޯޓްފަހަރަށް އެސަރަހައްދުން ދަތުރު ނުކުރެވޭނެ ކަމަށެވެ. އެސަރަހައްދުން ދަތުރު ކުރާނަމަ އެއޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި ހުވަދު އަތޮޅު ސަރަހައްދުގައި އުދެހެނިކޮށް މަސްވެރިންނަށް ފެނުނު މަތިންދާބޯޓް ފަހަރަކީ އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާ ބޯޓު ފަހަރު ކަމަށް ސިވިލް އޭވިއޭޝަނުން ވަނީ ހާމަ ކުރައްވާފައެވެ. އެ ބޯޓްފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނީ ކީއްކުރަން ކަމެއް އަދި ނޭނގޭ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެ ބޯޓްފަހަރާ ބެހޭ ގޮތުން އެނގޭހައިވެސް އެއްޗަކީ އެއީ ފޯޅަވަހީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން އުދުހިފައިވާ ބޯޓުތަކެއް ކަމެވެ. އެ ބޯޓުފަހަރަކީ ތަމްރީނު ތަކެއްގައި ހަރަކާތްތެރިވި ބޯޓުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު