އައު ލީޑަރޝިޕުގެ އަމާޒަކީ އަލުން އެމްޑީޕީ ވެރިކަމަށް ގެނައުން: ޗެއަރ ޕާސަން
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އައު ލީޑަރޝިޕްގެ އަމާޒަކީ ދެން ރާއްޖޭގައި ވެރިކަންކުރާ ޕާޓީއަކީ އެމްޑީޕީކަމަށް ހެދުން ކަމަށް އެ ޕާޓީގެ އައު ޗެއަރ ޕާސަން އަލީ ވަހީދު ވިދާޅު ވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަލީވަހީދު ވިދާޅުވީ، އައު ލީޑަރޝިޕާއެކު އެ ޕާޓީއަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށެވެ.
"ތިޔަބޭފުޅުން ބޭނުންވާ ބަދަލު ފެންނާނެ. ދުވަހެއް ނުނަގާނެ ބަދަލު މިހާރު މިއޮތީ އައިސްފަ. އިރާދަކުރެއްވިއްޔާ ދެން ދިވެހިރާއްޖޭގަ ވެރިކަން ކުރާނީ އެމްޑީޕީ. ލާމަރުކަޒީކޮށް އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރުމުގަ ދެމިތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން،"
އެމްޑީޕީގެ އައު ޗެއަރޕާސަން ވިދާޅުވީ، މިއަދުން ފަށައިގެން ވެސް ޕާޓީގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށެވެ. އެގޮތުން ޗެއަރޕާސަންގެ ހައިސިއްޔަތުން ޕާޓީގެ އިދާރީކަންކަން ހަރުދަނާ ކުރަމުން ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެ އައުފެށުމަކުން ޕާޓީގެ ކަންކަން ހަރުދަނާ ކުރުމަށް މިފަށައިގަންނަނީ. މިއަދު ފެށުމުގެ ގޮތުން އާންމު މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ އާންމު މެމްބަރުންނަށް . އިރާދަކުރެއްވިއްޔާ ދެން އެމްޑީޕީގެ ސެކްރެޓޭރިއެޓް ހަރުދަނާވެގެންދާނޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ކޮންމެ ދުވަހަކު ނުކުންނަނީ އެ ޕާޓީއަށް ތާއީދުކުރާ މީހުންގެ މިންވަރު އިތުރު ކުރުމަށް ކަމަށެވެ. އަދި އިންތިހާބުތައް ކާމިޔާބު ކުރުމަކީވެސް އައު ލީޑަރޝިޕުގެ އަމާޒެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުވެފައި އޮތް ނަމަވެސް ދިވެހިރާއްޖެއާ އިސްލާމް ދީނަށް ފުށޫއަރާފަދަ އެއްވެސްކަމެއް އެޕާޓީން ކުރަމުން ނުގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ. ފާޑުކިއުންތައް އަމާޒުވުމަކީ އުފާކުރާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މޭވާ އަޅާގަހަކަށް އޮށްގާ އުކާނީ. އެމްޑީޕީއަށް ފާޑުކިޔަނީ އެއީ އެމްޑީޕީ ރަނގަޅުވީމަ. އެމްޑީޕީއަށް ފާޑުކިޔާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަން އިސްލާމުދީނާ، ގައުމާ، އިންސާނީ ކަރާމަތަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރާނަން،" އަލީ ވަހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު