އެމްޑީޕީން ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިނުގަނެ އެސްއީޒެޑް ބިލު ފާސްކޮށްފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް އެމްޑީޕީން ހުށަހެޅި އެއްވެސް އިލާހެއް ބަލައިނުގަނެ ފާސްކޮށްފިއެވެ. .
ބިލު ފާސްކުރުމަށް ވޯޓު ދިނީ، ޕީޕީއެމް، އެމްޑީއޭ، ޖުމްހޫރީއާއި އަދާލަތު ޕާޓީގެ މެމްބަރުންނެވެ. އެބިލާއި އެއްކޮޅަށް 60 މެމްބަރުން ވޯޓު ދެއްވިއެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.
ބިލަށް އެމްޑީޕީން 180 އިސްލާހު ހުށަހަޅައިފައިވެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް އިލާހެއް ފާހެއް ނުވެއެވެ. އެ ހުށަހެޅުންތައް ފާސް ނުވީ ހުށަހެޅުންކަމަށް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުންނެެވެ. އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ބިން ކުއްޔަށް ދެވޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތު 99 އަހަރުން 66 އަހަރަށް ބަދަލުކުރަން ހިމެނެއެވެ. އިންވެސްޓްމަންޓްގެ 75 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހެދުން ވެސް ހިމެނެއެވެ. އަދި ވިޔަފާރީގެ ސަރަހައްދުތަކުގައި އިސްލާމް ދީނާ ހިލާފު ކުޅިވަރުތައް ކުޅުން ހުއްޓުވުމަށް އެމްޑީޕީން ހުށަހަޅާފައިވެއެވެ.
އެމްޑީޕީން ގިނައަދަދެއްގެ އިސްލާހު ހުށަަހަޅާފައި އޮތުމުގެ ސަބަބުން މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި ޖަލްސާ މިރޭ ނިންމާލީ މިރޭ 11:00 ހާއިރުއެވެ. އެމްޑީޕީގެ އެއްވެސް އިސްލާހެއް ފާސްނުވި ނަމަވެސް ޕީޕީއެމުން ހުށަހެޅި ހަ އިސްލާހުވެސް ވަނީ ފާސްކޮށްފައެވެ.
ބިލު ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނިގެންދިޔައީ "އެމެރިކާގެ ފެންވަރުގައި" ކުރިއަށްދާ ޑިމޮކްރަސީގެ ރީތި މިސާލެއްގެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު