ވިލާ އެއާޕޯޓު ޑީގްރޭޑުކުރީ އެއްބަސްވުމާ ހިލާފުވުމުން: ސީއޭއޭ
ހުވަދު އަތޮޅު ދެކުނުބުރީ މާމިގިލީ ގައި އޮންނަ ވިިލާ އިންޓަނޭޝަލަން އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރީ ވިލާ ކުންފުންޏާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ވިލާއިން އަމަލު ނުކުރާތީ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) ހާމަކޮށްފިއެވެ.
އެއާޕޯޓު ޑީގްރޭޑު ކުރިނަމަވެސް ވިލާއިން ހިލާފުވެފައިވަނީ އެއްބަސްވުމުގެ ކޮން ކަންތައްތަކެއް ކަމެއް އެ އޮތޯރިޓީން ހާމައެއް ނުކުރެއެވެ. ނަމަވެސް ޑީގްރޭޑު ކުރިކަން އިއްޔެގެ ވަގުތެއްގައި ވިލާއަށް އަންގާފައިވާކަަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ ތިން އެއްބަސްވުމެއް ސަރުކާރުން ވަނީ މިމަހު 15 ވަނަ ދުވަހު ވެސް އުވައިލައިފައެވެ. އެ ދުަވަހު ސަރުކާރުން އުވާލާފައިވަނީ ވިލާ ޓްރޭޑަށް ދަނޑުވެރިކަން ކުރުމަށް ދީފައިވާ ލ. ބަރެސްދޫގެ އެއްބަސްވުމާ، ގދ ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ އެއާލައިނާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ، ގދ ހޯޑެއްދޫގައި މަސްފެކްޓްރީއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒް އާއިއެކު ވެފައިވާ އެއްބަސްވުމެވެ. ތިން އެއްބަސްވުން ވެސް އުވައިލައިފައިވަނީ އެގްރީމަންޓާއި އެއްގޮތަށް އަމަލުނުކުރާކަމަށް ބުނެއެވެ.
ވިލާގެ ކުންފިތަކާއިއެކު ވެފައިވާ ތިން އެއްބަސްވުމެއް އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ޒާތީކަމެއް ކަމަށް ވިލާ ކުންފުނީގެ ޗެއަރމަން ގާސިމް ވަނީ ވިދާޅުވެފައިއެވެ.
ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެފައިވަނީ އެއްބަސްވުންތައް އުވައިލުމަށް ސަރުކާރުން ނިންމާފައިވަނީ އެތަންތަނަކީ ގާސިމްގެ ތަންތަންކަމަށްވުމުން ނޫންކަމަށެވެ. އެއްބަސްވުމާ ހިލާފުވާ އެހެން ރަށްރަށްވެސް ސަރުކާރަށް ނަގަމުން އަންނާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު