މިއަދުން ފެށިގެން އެއްވެސް ދަތިކަމަކާ ނުލައި ގޭސް ލިބޭނެ: މޯލްޑިވް ގޭސް

މިއަދުން ހަވީރު 04:00 އިން ފެށިގެން ވިޔަފާރިވެރިންނަށް ގޭސް ވިއްކުމުގައި ކޮންޓްރޯލް ކޮށްފައި އޮތް އޮތުން އަނބުރާ ގެންގޮސް އާންމު އުސޫލުން ގޭސް ވިއްކަމުން ގެންދާނެކަމަށް މޯސްޑިވިސް ގޭހުން ހާމަކޮށްފިއެވެ.
ފާއިތުވީ ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ގޭހުން ވިޔަފާރި ވެރިންނަށް ގޭސް ދޫކުރަމުން ދިޔައީ ކޮންޓްރޯލް އަދަދަކަށެވެ.
ނަމަވެސް ކުރިއެކޭ އެއް އުސޫލުން އަލުން ވިޔަފާރިވެރިންނާއި، ހޮޓާ ފަދަ ތަންތަނަށް ގޭސް ވިއްކަން ނިންމައިފައިވަނީ، ގޭސް އުފުލާ ބޯޓު މިއަދު ރާއްޖެއަށް ވަނުމުންކަމަށް މޯލްޑިވިސް ގޭހުން ހާމަކުރެއެވެ.
ފާއިތުވީ ދެ ފަފުތާއެއްހައި ދުވަހުގެ ތެރޭގައި ގޭހުގެ ޑިމާންޑު އުފުލުނީ ގޭސް ހުސްވެދާނެކަމުގެ ބިރު ހީވެ، ބައެއް ހޮޓާތައް ފަދަ ތަންތަނުން އެއްފަހަރާ ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުތަކެއް ގަތުމުންނެވެެ. އެކަމުގެ ސަބަބުން އާންމު ގޭ ބިސީތަކަށް ވެސް ވަނީ ގޭސް ލިބުން ދަތިވެފައިއެވެ.
"މިއަދު މެންދުރު ގޭސް ބޯޓް ރާއްޖެ ވަންނާނެ. މިއަދު ހަވީރުން ފެށިގެން އެއްވެސް ދަތި ކަމެއް ނެތި ގޭސް ލިބެމުން ދާނެ ދެން،" މޯލްޑިވިސް ގޭހުގެ ހެޑް އޮފް ސޭލްސް، މުހައްމަދު ޝިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިޔަފާރިވެރިންނަށް ގޭސް ވިއްކުން ކޮންޓްރޯލް ކޮށްފައި އޮތް އޮތުން އަނބުރައި ގެންދިއުމުން ގޭހުގެ ޑިމާންޑު ކުޑަވާނެކަމަށެވެ. އަދި އޭރުން އެއްވެސް ދަތިކަމެއް ނެތި އާންމު ގޭބިސީތަކަށް ވެސް ގޭސް ލިބެމުން އަންނާނެކަމަށެވެ.
"ކުރިންވެސް އަޅުގަނޑުމެން ދިޔައީ އާންމު ގޭ ބިސީތަކަށް ކޮންޓްރޯލް ކުރުމެއް ނެތި ގޭސް ފޯރުކޮށްދެމުން. އެހެން ނަމަވެސް ބައެއް ހޮޓާ ފަދަ ތަންތަނުން އެއްފަހާ ގިނަ އަދަދެއްގެ ސިލިންޑަރު ތަކެއް ގަތުމުން ގޭހުގެ ޑިމާންޑު ބޮޑުވެ ގޭ ބިސީތަކުން ބޭނުންވާ މިންވަރަށްވެސް ފޯރުކޮށް ނުދެވުނީ. ބައެއް ވިޔަފާރިވެރިން ދުރުގައި ޕިކަޕު ބާއްވައިގެން ސާޅިސް ފުޅި ގޭސް ގެންގޮސްފައި އެބަހުރި. އެ ފަދަކަންކަން އަޅުގަނޑުމެންނަށް ހާމަވަނީ މާފަހުން. އިރާދަކުރެއްވިއްޔާ ދެން މިއަދުން ފެށިގެން ދަތިކަން ފިލައިގެން ދާނެ،" ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު