ރިޟުވާނާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ދެ ލައްކަ ރުފިޔާ ހުށަހަޅައިފި

image ރިޟްވާންއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި އޭނާގެ އާއިލާއިން ސޯޝަލް މީޑިއާގައި އާންމުކޮށްފައުިވާ ޕޯސްޓަރެއް

ގެއްލިގެން ހޯދަމުންދާ، މިނިވަންނޫހުގެ، ނޫސްވެރިޔާ އަހުމަދު ރިޟްވާން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ފަހިވާފަދަ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 200,00 (ދެ ލައްކަރުފިޔާ) ގެ ފައިސާގެ އިނާމެއްދޭން އޭނާގެ އާއިލާއިން ނިންމައިފިއެވެ.

"ދުވަސް" އަށް މައުލޫމާތު ދެމުން އާއިލާގެ މެންބަރަކު ބުނީ ރިޟްވާނާ ބެހޭ ސައްހަ މައުލޫމާތު އެނގޭ މީހަކު ހުރިކަމަށްވާނަމަ އެމައުލޫމާތު ހިއްސާ ކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެފަދަ ފަރާތްތަކުން ހިއްސާ ކުރާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ނިންމާނީ ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް އާއިލާއިން ހާމަކުރައްވާފައިވެއެވެ.

ރިޟްވާން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރައްޓެހި ރަހުމަތްތެރީންނާއި އެހެން މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

"ރިޟްވާން ހޯދުމުގެ މަސައްކަތަކީ އަޅުގަނޑުމެންގެ އާއިލާއަށް ކޮށްދޭ ކަމެއްގެ ބަދަލުގައި މިފަދަ ކަމެއް އެހެން އާއިލާއަކަށް ދިމާވިޔަ ނުދިނުމުގެ އަޒުމުގައި މިކަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ އެދުމެއް،" އާއިލާއިން ވާހަކަ ދެއްކި މޫސާ ރިޟްވާން ބުންޏެވެ.

އޭނާ ބުނީ އަހުމަދު ރިޟްވާނާ ބެހޭ ގޮތުން ކިތަންމެ ކުޑަ މައުލޫމާތެއް ދިނަސް އެއީ ވަރަށް ބޮޑު ކަމެއް ކަމަށް އާއިލާއިން ބަލައިގަންނާނެ ކަމަށެވެ.

މީގެ ކުރިން އާއިލާއިން ހުށަހަޅާފައި އޮތީ، އޭނާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ އިނާމެއް ދިނުމަށެވެ. އެހެން ނަމަވެސް އެއަދަދު އިތުރުކޮށްފައިވަނީ މައުލޫމާތުގެ މުހިންމުކަމުންކަމަށް އާއިލާއިން ހާމަކުރެއެވެ.  

އުމުރު 28 އަހަރުގެ އަހުމަދު ރިޟްވާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭގައެވެ. އެރޭ އޭނާވަނީ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލަށް ވަދެފައެވެ. އޭނާއެތަނަށް ވަދެފައިވާ މަންޒަރުވަނީ ސީސީޓީވީ ކެމެރާތަކަށް އަރައިފިއެވެ. އެރޭ އޭނާ ލައިގެންހުރީ ކަޅުކުލައިގެ ފަޓުލޫނަކާއި ގަމީހެކެވެ.

ރިޟްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7791120 އާއި 7773250 މި ދެނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އާއިލާއިންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް