މާލޭ ގެއެއް ބަލައި ރޭ ފާސްކުރީ ވެށި އަމާން ކުރުމަށް ހިންގާ އޮޕަރޭޝަނުގެ ދަށުން: ފުލުހުން

image ފުލުހުން މާލޭ ގެއެއް ބަލައި ފާސްކުރުމަށްފަހު ހޯދާފައިވާ މޫނު ނިވާކުރާ ހުޑްތަކެއް: ފައިލް ފޮޓޯ - ޕޮލިސް

ރޭ މާލޭގެ ގެއެއް ބަލައި ފާސްކުރީ މާލޭގެ ވެށި އަމާން ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރޭ އެމީހުން ފާސްކުރި ގެއަކީ "މިނިވަން ނޫހުގެ" ނޫސްވެރިއާ އަހުމަދު ރިޟުވާނު ގެއްލުނު މައްސަލައިގައި ބަލައި ފާސްކުރި ގެއެއްތޯ "ދުވަސް" ނޫހުން ސުވާލު ކުރުމުންނެވެ.

ފުލުހުން ބުނީ ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި "ޖިނާއީ ކުށްތަކަށް މަގުފަހި" ވާނެކަމަށް ބެލެވޭ ތަންތަން 3000 އަށްވުރެ ގިނަ ފަހަރު ބަލައި ފާސްކޮށްފައި ވާނެކަމަށެވެ. މިގޮތުން ރޭ 9:15 ހާއިރު ބަލައި ފާސްކުރި ގެއަކީ ވެސް އެ އޮޕަރޭޝަނުގެ ދަށުން ބަލައި ފާސްކުރި ގެއެއްކަމަށް ފުލުހުން ހާމަކުރިއެވެ. އެއީ ކޮންގެއެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމަތު ލިބިފައިވާގޮތުގައި ރޭ ފުލުހުން ބަލައި ފާސްކޮށްފައިވަނީ މއ. ބުލްބުލާ ގެއެވެ.

"މާލޭގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި ފުލުހުން މިގެންދަނީ އެކި އޮޕަރޭޝަންތައް ހިންގަމުން. އެގޮތުން ފާއިތުވީ ހަފްތާގެ ތެރޭގައި 3000 އަށްވުރެ ގިނަ ފަހަރު މަތިން އެކި ތަންތަން ވާނީ ބަލައި ފާސްކޮށްފައި. ނޫސްވެރިއާ ގެއްލިފައިވާ މައްސަލައިގައިވެސް އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިގެންދަނީ،" ފުލުހުންގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

މިމަހު 8 ވަނަ ދުވަހުން ފަށައިގެން ރިޟުވާން ވަނީ ގެއްލިފައެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މަލެ، ހުޅުމާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށް ބަަލައި ފާސްކޮށްފައިއެވެ. އެހެން ނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ. އަދި އޭނާ ހޯދުމަށް ފުލުހުން މިހާރު އަންނަނީ ކަނޑުގެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ފުލުހުންނަށް ސިފައިންގެ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް