ނޮވެމްބަރު ތިނެއްގެ އެއްމޭސްތިރި ސަގަރު ނާސިރު މިނިވަން ވެއްޖެ
1988 ނޮވެންބަރު 3 ގައި ތަމަޅައިންގެ ބަޔަކު ގޮވައިގެން ރާއްޖޭގައި ހިންގި އުދުވާނުގައި އިސްކޮށް ހަރަކާތްތެރިވި އަޙުމަދު ނާސިރު (ސަގަރު ނާސިރު) 25 އަހަރުގެ ޖަލުހުކުމަކަށްފަހު މިނިވަން ވެއްޖެއެވެ.
މިކަމާ ގުޅިގެން ހޯމްމިނިސްޓްރީން ވިދާޅުވެފައިވަނީ އޭނާގެ ހުކުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހަފްތާތެރޭ ކަމަށެވެ. އެހެންކަމުން މިހާރު އޭނާވަނީ ދޫކޮށްލައިފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލިއިރު ހުކުމް ތަންފީޒު ކުރަމުން ގެންދިޔައީ މާލޭ ޖަލުގައެވެ. 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ނާސިރާއެކީ އެންމެ އިސްކޮށް ހަރަކާތްތެރިވި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ވަނީ ބޭސްފަރުވާއަކަށް ސްރީލަންކާ ފޮނުވާފައި ވަނިކޮށް ފިލައިފައެވެ. އޭނާ ލަންކާއަށް ފޮނުވާފައިވަނީ 2010 ވަނައަހަރު އެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުންވަނީ ރެޑްނޯޓިސްވެސް ނެރެފައެވެ.
ފަހުގެ ތާރީހުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހަމަލާ ރާވައި ހިންގުމުގެ މައްސަލާގައި ނާސިރާއި ލުތުފީގެ މައްޗަށް އައީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޚާއްސަ އަފުވާމުގެ ދަށުން މަރަން ހުކުމްކުރި އެންމެންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ކުރައްވައިފައެވެ. އެއީ 25 އަހަރެވެ. ލުތުފީ އާއި ނާސިރު ފިޔަވައި އެހެން ދިވެހިންނަށް މައުމޫންގެ ސަރުކާރުން ވަނީ މާފު ދެއްވާފައެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި ވަނީ ޖުމްލަ 19 ދިވެހީން ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ސިފައިންނާއި އާންމުންގެ 11 މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު