ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި
ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ތަސްދީގު ކުރައްވައިފިއެވެ.
އެ ގާނޫނަށް ވަނީ ދެ އިސްލާހެއް ގެނެސްފައިއެވެ. ފުރަތަމަ އިސްލާހަކީ ގާނޫނުގެ ދެވަނަ މާއްދާއަށް ގެނައި އިސްލާހެކެވެ. އެ އިސްލާހުގައި ބުނެފައިވަނީ، ކަންގައި އުފެދޭ ތަކެއްޗާއި، ކަނޑައެޅިގެން ވެރިޔަކު އެނގޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަޑުން ލަނގުވާ އެންމެހައި ތަކެއްޗަކީ ދައުލަތުގެ ތަކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްޗެއްގެ ވެރިފަރާތް އެނގުނު ނަމަވެސް އެ އެއްޗަކާމެދު އެހެން ޤާނޫނަކުން ވަކި ގޮތަކަށް ކަ ނޑައެޅިފައިވާނަމަ، އެ އެއްޗަކާމެދު ޢަމަލުކުރާނީ އެ ޤާނޫނެއްގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ކަމަށް އެ އިސްލާހުގައި ބިނެފައިވެއެވެ.
ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަށްވެސް ވަނީ އިސްލާހެއް ގެނެސްފައިއެވެ. އެ އިސްލާހުގައި ބުނެފައިވަނީ ޤާނޫނުގެ 4 ވަނަ މާއްދާއާއި 2 ވަނަ މާއްދާގައި ބުނެފައިވާ އެއްޗެއް ހޮވައިގެން ގެނެސްފިނަމަ، ދައުލަތުގެ ކަމާބެހޭ ފަރާތަކުން 30 ދުވަހުގެ ތެރޭ ގައި އެކަން އިޢުލާނުކުރަންވާނެކަމަށެވެ. އަަދި އެފަދަ މުދަލެއްގެ ޝަކުވާއެއް ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައިވޭތޯ ބަލަންވާނެކަމަށެވެ. އެކަން ފުރަތަމަ އިޢުލާނުކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެއެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަނާޅައިފިނަމަ، އެ އެއްޗެއް ވާނީ ދައުލަތުގެ އެއްޗަކަށް ކަމަށެވެ. އަދި އެއެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަހެޅުމަށްފަހު އެ އެއްޗަކާ ޙަވާލުނުވި ނަމަވެސް، އެ އެއްޗެއް ވާނީ ދައުލަތުގެ އެއްޗަކަށް ކަމަށެވެ. އަދި އެކަންކަން ނިންމާނީ ޝަރީޢަތުން ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު