ކިޔަވައި ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ޓީއޭ އިން ދީފި
ތަޢުލީމީ ދާއިރާގައިހުރި ނޭދެވޭ ކަންކަން އިސްލާހު ނުކޮށްފި ކަމަށްވާނަމަ ސްކޫލްތަކުގައި ކިޔަވައި ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ޓީޗާސް އެސޯސިއޭޝަން (ޓީއޭ) އިން ދީފިއެވެ.
އެއެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް ވިދާޅުވީ ތަޢުލީމީ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން އަދިވެސް ވާގޮތެއް ނުވާކަމަށެވެ.
އާތިފް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރާއި، ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާ ބައްދަލު ކުރައްވަން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. "އަޅުގަނޑުމެން ވާނީ އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް އެޕޮއިންޓް މެންޓެއް ހޯދުމަށް ހަތްވަރަކަށް ސިޓީ ފޮނުވާފައި. ނަމަވެސް އަދިވެސް އެކަންވާ ގޮތެއްނުވޭ. ރާއްޖޭގެ ނާއިބު ރައީސް ޑރ. ޖަމީލާވެސް ބައްދަލު ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ އެކަންވެސް ނުވި،" އާތިފް ވިދާޅުވިއެވެ.
ސްކޫލްތަކުގައިހުރި މައްސަލަތަކާބޭހޭ ގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ 60 އިންސައްތަ ސްކޫލް ހިންގަނީ ޕްރިންސިޕަލެއްނެތި ކަމަށެވެ. "ޕްރިންސިޕަލެއް ނެތޭ މިދަންނަވަނީ އެދާއިރާގެ ޓެކްނިކަލް މީހަކުނެތޭ. އެއްވެސް ތަޖުރިބާއެއްނެތް އެޑްމިން ސްޓާފަކާ ސްކޫލް ހިންގުން ހަވާލު ކުރާ ބީދައިންވެސް ޕްރިންސިޕަލުންގެ ނަމުގައި މީހުން އެބަތިބި،" އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަނެއް މަައްސަލައަކީ ބިދޭސީ ޓީޗަރުން ގެންނައިރު ފެންވަރެއް ނެތް ޓީޗަރުން ގެންނަ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ ގާބިލް ޓީޗަރުން ދާއިރާ ދޫކޮށްފައިދާ މައްސަލައަކީވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވަނީ މުސާރަ ކުޑަކަމުން ކަމަށެވެސް ވިދާޅުވިއެެ.
"އަޅުގަނޑުމެން މިދައްކަނީ ހަމައެކަނި މުސާރައިގެ ވާހަކައެއްނޫން. މުޅި ދާއިރާގައިހުރި މައްސަލަތަކުގެ ވާހަކަ. މިކަންކަން ހައްލު ކުރަން އެއްމޭޒަކަށް އަރައި ވާހަކަ ދައްކަމާ ހިނގާށޭ. އަޅުގަނޑުމެން މިތިބީ މިނިސްޓްރީއަށާއި، ސަރުކާރަށް އެއްބާރުލުން ދީގެން މައްސަލަ ހައްލު ކުރަން ތައްޔާރަށް. ހަމައެކަނި ނުވެފައިވާ ކަމަކީ މަޝްވަރާ ކުރުން،" އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓީޗާސް އެސޯސިއޭޝަނުން ދައްކާ ވާހަކަ އެޑިޔުކޭޝަނުން ގަބޫލު ނުކުރައްވާ ކަމަށެވެ. "ތައުލީމީ ދާއިރާ ރަނގަޅު ކުރަން ޖެހޭނީ ވަކިބަޔަކު އެވާހަކަ ދެއްކީމައެއްނޫން،" އޭނާ ވިދާޅުވިއެވެ. "ޓީޗާސް އެސޯސިއޭޝަނުން ދައްކާ ވާހަކައަކީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫން. އަޅުގަނޑުމެން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ވާނަމަވެސް އެއްމޭޒު ދޮށަށް އައިސް ވާހަކަ ދައްކަންވީ،" އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް ބެލެނިވެރިންގެ ސަމާލުކަން ލިބެން ޖެހޭ ކަމަށެވެ. މިކަންކަން ބެލެނިވެރިންނަށް އެނގެންވެސް ޖެހޭ ކަމަށެވެ.
ޓީއޭއިން މިހާރުވަނީ އަންނަމަހުން ފެށިގެން އިހުތިޖާޖު ކުރަން ނިންމާފައެވެ. އިހުތިޖާޖުގެ ތެރޭގައި އެންމެ ފަހު ކަމަކަމަށް ކުރުމަށް ނިންމާފައިވަނީ ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރުމުގެ ކުރިން ކަމާބެހޭ ހުރިހާ ފަރާތެއްގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށް އާތިފް ވިދާޅުވިއެވެ. އެކަން ކުރުމުގެ ކުރިން ލޭބަރިލޭޝަންސް އޮތޯރިޓީއާވެސް މަޝްވަރާ ކުރައްވާނެ ކަމަށް އާތިފް ވިދާޅުވިއެވެ. އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށްފަހު ކިޔަވައިދިނުން ހުއްޓާލައްވާނީ އަންނަމަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަަމަވެސް ހުއްޓާލާނެ ތާރީޚެއް އިއުލާން ކުރާނީ ފަހުން ކަމަށް އޭނާ ވިދާޅުވިއެެވެ. "ހުއްޓާލާނެ ތާރީޚު އަޅުގަނޑުމެންގެ ސިކުނޑީގައި މިހާރުވެސް އޮންނާނެތާ. އެކަމަކު އެކަން ހާމަކުރާނީ ފަހުން. ކިޔަވައި ދިނުން އަޅުގަނޑުމެން ހުއްޓާލިޔަސް ސަރުކާރުން އެހެން ބަޔަކު ހޯދައިގެން ކިޔައިދިނަސް އެކަމަށް ހުރަހަކަށް އަޅުގަނޑުމެން ނުވާނަން،" އާތިފް ވިދާޅުވިއެވެ.
މި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޓީއޭއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް 225 ވަރަކަށް ޓީޗަރުންވަނީ ބައިވެރިވެފައެވެ.
ޓީޗާސް އެސޯސިއޭޝަނަކީ އައިއެލްއޯ ގަބުުލުރާ ޖަމާއަތެކެވެ. އެޖަމާއަތުން ގެންދަނީ އައިއެލްއޯގެ ހުރިހާ ބައްދަލުވުން ތަކުގައިވެސް ބައިވެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު