އުމަރު ނަސީރުގެ ސިޔާސަތުތަކާއިމެދު ނުރުހުންފާޅުކޮށް މާލޭގައި އިހްތިޖާޖުކުރަން ފަށައިފި
ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ޕޮލިސީތަކާއިމެދު ނުރުހުންފާޅުކޮށް މާލޭގައި ދިރިއިއުޅޭ ޒުވާނުންގެ ބަޔަކު އިހުތިޖާޖުކުރަން ފަށައިފިއެވެ.
އިހްތިޖާޖު ފަށާފައިވަނީ ރޭ އިރާކޮޅު ރާޅުގަނޑު ސަރަހައްދުގައި އަޅާފައިވާ ހެލިޕެޑް މަތީގައިއެވެ. އެސަރަހައްދުގައި ތިބި ޒުވާނުން ބުނަމުން ގެންދިޔައީ ހޯމް މިނިސްޓްރީން އެމީހުންނާއިމެދު އަމަލުކުރާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށެވެ. އަދި އެމީހުން މުނިފޫހި ފިލުވައި ކުޅިވަރު ކުޅެން ހަދާފައިވާ ބައެއް ދަނޑުތަކާއި ޓެންޓުތައް ނަގުމަކީ މާރާމާރީ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅެއް ނޫންކަމަށް އެމީހުން ދެކެއެވެ.
"އަޅުގަނޑުމެން މި ހިންގާ ކެމްޕޭނުގެ ބޭނުމަކީ އަސްލު ހަޓުތައްނެގީމަ އަޅުގަނޑުމެން ތިބޭނެތަނެއް ނެތީމަ ވިއްސި ވިހާލިވެގެން ތިބެންޖެހެނީ. ހަޓުތައް ހުރިއްޔާ އެތަނެއގަ އަޅުގަނޑުމެން އެތަނެއްގަތިބެވޭ. ހަޓުތައް ނަގަނީ މާރާ މާރީ ހުއްޓުވާށޭކިޔާފަ. ހަޓުތައް ނެގިޔަސް މާރާމާރީއެއް ނުހުއްޓުވޭނެ. މާރާމާރީ ހުއްޓުވޭނީ މާރާމާރީ ހިންގާ މީހުން ހައްޔަރުކުރީމަ. މިސާލަކަށް އަޑިޕާކުގަ ހުރި ހަޓުތައް ނެގީމަ މާ އަނދިރިވާނެ. އެތަނަށް އައިސް މީހެއްގަޔަށް ވަޅިއެއް ޖަހާފަދާއިރުވެސް ނޭގޭނެ،" އިހުތިޖާޖުގެ ބައިވެރިއެއް "ދުވަސް ނޫހަށް" މައުލޫމާތު ދެމުން ބުންޏެވެ.
ޒުވާނުންނާއިމެދު ސަރުކާރުން އަމަލުކުރަމުންގެންދާ "އިހާނެތި ގޮތާއިމެދު އަމަލުކުރަމުން ގެންދަނީ ކީއްވެތޯ؟" ސާފުވަންދެން އިހުތިޖާޖު ހުއްޓައިނުލައި ކުރިއަށްގެންދާނެކަމަށް އެމީހުން ބުނެޏެވެ. އެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ބުންޏެވެ.
އިހްތިޖާޖުގެ ބައިވެރިން ވަނީ ހެލިޕެޑު ސަރަހައްދުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވަޒީފާއިން ވަކިކުުރުމަށް ގޮވާލައި ބެނާތަކެއްވެސް ދަމާފައިއެވެ.
"އަޅުގަނޑުމެން މުނިފޫހި ފިލުވައިދޭނެ ގޮތެއް ސަރުކާރުން ހޯދައެއްނުދޭ. ދެން އަޅުގަނޑުމެން އަމިއްލަައަށް ފުޓުބޯޅަ ދަނޑު ފަދަ ތަންތަން މިހަދަނީ ހުސް ބިންތަކުގަ. ދެން އިތުރުގޮތެއް ހޯދައި ނުދީ އެތަންތަން ނަގަނީ ކީއްކުރަންތޯ؟ އެތަންތަން ތަރައްގީ ކޮށްދެއްވީ ނޫންތޯ ސަރުކާރުންވެސް އަޅުގަނޑުމެންނާ ގުޅިގެން. މާރާމާރީ ހުއްޓުވުމަކީ އަޅުގަނޑުމެން މަގުމަތި ކުރުމެއްނޫން. މާލޭގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަކީ މާރާމާރީ ހިންގާ ވަޅިޖަހާ ބައެއް ނޫން. އެމީހުން ސޯޝަލްވާން ވެސް ފުރުސަތުތަކެއް ބޭނުންވޭ. އެހެން ނަމަވެސް ކޮންތާކަށްތޯ އަޅުގަނޑުމެން ދާނީ؟ ކޮންމެ ދުވަހަކު ރައްޓެއްސަކާ ވާހަކަ ދައްކަން ކޮފީއަކަށް ނުދެވޭނެ. ޕާކު ފަދަ ތަންތަނުގައި އަޅުގަނޑުމެން މިތިބެނީ މަސްތުވާތަކެތި ވިއްކައި މާރާމާރީ ހިނގާކަށެއްނޫން،"
"ޒުވާނުންގެ ރައީސް މިގޮވާލަނީ އުމަރު ބޭރުކުރޭ. ޒުވާނުންގެ ފަހަތުން ދުވުން ހުއްޓާލާ،" މިފަދަ ޝިޔާރުތައް ލިޔެފައިވާ ފޮތިގަނޑުތައް ހެލިޕެޑު ސަރަހައްދުގައި ރޭ ވަނީ ދަމާފައިއެވެ.
އިހްތިޖާޖުގެ ބައިވެރިން ވަނީ މިއަދު ހަވީރު ސައިކަލު ބުރެއް ބޭއްވުމަށް ބޭއްވުމަށް ވެސް ނިންމަފައިފައެވެ.
މިމަހު 6 ވަނަ ދުވަހު ފުލުހުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލޭ ބައެއް ސަރަހައްދުތައް "ގުރޫޕުތަކެއްގެ" ބާރުގެ ދަށުގައި އޮންނަކަމަށެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ހުރި ހަޓުތައް ފަދަ ތަންތަން ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެކަމަށެވެ. އެފަދަ ތަންތަން ނައްތާލުމުގެ މަޝްވަރާތައް މާލޭ ސިޓީ ކައުންސިލާ، ހައުސިންގ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު