ސަރުކާރުގެ ކުރިއެރަމުން އަންނަ މިންވަރާމެދު ރައީސް ނަޝީދު ކަންބޮޑުވޭ: ރިޔާޒު ރަޝީދު
ސަރުކާރު ކުރިއަރަމުން އަންނަ މިންވަރާމެދު ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެ ވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން އަންނަކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
އޮގަސްޓު 12، 13 ފާހަގަ ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ރިޔާޒު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ހިންގަވަނީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ސަރުކާރު ހިންގަވާ ބީދައިން ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމަށްވުރެ ރައީސް ނަޝީދުގެ ވެރިކަން "ގޯސް" ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހީވެފައި އޮންނަނީ ރައީސް މައުމޫނުގެ ސަރުކާރުން ކަން ކުރަނީ ވަރަށް ގޯސްކޮށްކަމަށް. އެހެން ކަމުން ރައްޔިތުން ބަދަލަކަށް ބޭނުންވެގެން ރައީސް ނަޝީދު ވެރިކަމަށްގެނައީ. އެހެން ނަަމަވެސް ރައީސް ނަޝީދު ކަންކަން ކުރެއްވީ ވަރަށް ގޯސްކޮށް. އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިންގެ މުދާ ބޭރު ކުންފުނިތަކަށް ވިއްކަން،" ރިޔާޒު ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ މިސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ހުސްނުވާ އާސަންދައާއި، "މުވައްޒަފުންނަށް މުސާރަދިނުމަށް ސަރުކާރުގެ ކުންފުނިތައް ވިއްކަން ނުޖެހުންފަދަ ކަންކަން،" ހިމެނޭކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރަމުން އަންކަންކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ކަންބޮޑުވެ ވަޑައިގަންނަވަނީ މި ސަރުކާރުން ހޯދަމުން އަންނަ ކާމިޔާބީތަކާމެދު. މިހާރު ނުޖެހޭނެ އާސަންދަ ހުސްވެެގެން އުޅޭކަށް އަދި ސަރުކާރު މުވައްޒަފުންނަށް މުސާރަދޭން ކުންފުނި ވިއްކާކަށްވެސް،" ރިޔާޒު ވިދާޅުވިއެވެ.
އޮގަސްޓު 12، 13 ފާހަގަކުރުމަށް އަންގާރަދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަލުން އަނބުރާ ރައީސް މައުމޫނުގެ އޮތްކަހަލަ "ފިނިހަކަ ދުއްވެއްޔަށް" ބަދަލުވެފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންއަންނަކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު