ޓެލެކޮމިއުނިކޭޝަނާއި ޕޯސްޓާގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

image ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެން

"ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޓެލެކޮމިއުނިކޭޝަނާއި ޕޯސްޓާ ގުޅޭ ކަންކަން ރާވައި ހިންގާނެ ގޮތަކާއި އުސޫލުތައް ކަނޑައަޅާފައިވާ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިބިލަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތުގެ އަގުތައް ފާސް ކުރުމާއި އަގު ކޮންޓްރޯލް ކުރުމުގެ ބާރު "ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް"އަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުންހުށަހެޅުއްވި ބިލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.

އެބިލުގައި ބުނެފައިވާ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ މަސްކަތުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެ ސިނާއަތުގައި ވާދަވެރި ވެއްޓެއް ގާއިމްކޮށް ކުރިއަރުވައި ތަރައްގީ ކުރުމާއި ޓެލެކޮމިއުނިކޭޝަން ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން ހިމެނެއެވެ.

މީގެއިތުރުންވެސް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ނަމުގައި އިދާރާއެއް އުފައްދައި އެތަން ހިންގުމަށްޓަކައި ފަސް މެމްބަރުންގެ ބޯޑެއް އެކުލަވާލަންޖެހޭ ކަމަށްވެސް އެބިލިގައި ބުނެފައިވެއެވެ. އަދި ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި އެ އިދާރާ ހިންގަނީ ކޮމިއުނިކޭޝަން ހިދުމަތް ޒިންމާ އުފުލަމުންދާ މިނިސްޓްރީގެ ދަށުން ކަމަށްވެސް އެބިލުގައިވެއެވެ. ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައަޅައި ނަމްބަރިން ޕްލޭން އާއި އެ ނޫނަސް ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސް ކުރުމާ ބެހޭ އިދާރީ އަދި ފަންނީ ކަންކަން ހިންގައި ބެލެހެއްޓުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް  ވެސް ބިލުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement