އިދިކޮޅު ޕާޓީއަށް ބިރު ދެއްކުމުގެ ބޭނުމަކީ ތާއަބަދަށް ވެރިކަމުގައި ދެމިތިބުން: ނަޝީދު
އިދިކޮޅު ޕާޓީއަށް ބިރު ދެއްކުމުގެ ބޭނުމަކީ ތާ އަބަދަށް ވެރިކަމުގައި ދެމިތިބުން ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، 2004 ވަނަ އަހަރުގެ އޯގަސްޓް 12 އަދި 13 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލުމަށް ޖުމްހޫރީ މައިދާނަށް އެމްޑީޕީން އެއްވި އެއްވުން ފާހަގަކުމަށް ރޭ ބޭއްވި ޖަލްސާގައިއެވެ. "ކަޅު ހުކުރު" ގެ ނަމުގައި ފާހަގަކުރަން އިދިކޮޅު އެމްޑީޕީިން ރޭ މާލޭ ސިޓީ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ނަޝީދު ވިދާޅުވީ ބިރު ގަންނާނީ ގަދަ ކީރިތި ވަންތަ މާތް ﷲ ދެކެ އެކަނިކަމަށެވެ. އެކަލާންގެ ފިޔަވާ ބިރު ގަންނާނެ ފަރާތެއް ނުވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށާއި، ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ގޮތްނޭގޭ ނަންބަރު ތަކަކުން އައި އެސްއެމްއެސް ތަކާއި ގުޅުވައިގެނެވެ.
"އެމްޑީޕީގެ މެންބަރުންނަން ބިރު ދެއްކުމުގެ ބޭނުމަކީ ތާ އަބަދަށް އެބޭފުޅުން ވެރިކަމުގައި ދެމިތިބުުން. މަރުގެ އިންޒާރުގެ މެސެޖް ފޮނުވައިގެންނާއި އެ ނޫން ގޮތްގޮތަށް ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބިރުދައްކަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހިޔާލުފާޅުކުރުމުގެ މިވަންކަން ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރައީސްް ނަޝީދު ތުހުމަތުކުރެއްވިއެވެ. އެގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އިސްވެރިންނަށް މަރުގެ އިންޒާރު ދިނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ ކަމެއްކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"ކިތައްމެ ވަރަކަށް މަރުގެ އިންޒަރު ދިންނަމަވެސް، ނޫނީ އީވާން ނަސީމު މަރާލިގޮތަށް މަރާލާ ނުވަތަ ކުޑަގޮޅީގައި އަންދަގޮނޑި ޖަހާފައި ބެއިންދިނަމަވެސް ފަހަތައް ނުޖެހޭނެ،" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ އެފަދަ ބިރުދެއްކުންތަކަށް ފަހަތައްޖެހޭނެބައެއް ނޫންކަމަށް ވިދާޅުވިއެވެ. އެ ޕާޓީއަކީ އޮގަސްޓް 12، 13 ގެ ހާދިސާއިން އިބުރަތް ލިބިގަނެ އެކަކު އަނެއްކަމުގެ ކިބައިން ބާރުހޯދާ ބިރުފަހަނަ އަޅާގޮސްފައިވާ ޕާޓީއެއްކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު