ޓެލެތޯންގެ ރެކޯޑެއް ގާއިމް ކުރުމަށްފަހު "ހެލްޕް ޣައްޒާ" ޓެލެތޯން ނިންމާލައިފި

image "ހެލްޕް ޣައްޒާ" ގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކް (ކ) އާއި ފަންޑުގެ ކޯޑިނޭޓަރ އިބްރާހީން ޚަލީލް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ އިންސާނިއްތުކަމެއްނެތް ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވަމުންދާތީ އެމީހުންނަށް އެހީވުމަށް ދިވެހި މީޑިޔާއިން އިސްނަގައިގެން ފެށި "ހެލްޕް ޣައްޒާ" ޓެލެތޯން ދެންމެ ނިންމާލައިފިއެވެ.

މިދިޔަ ހުުކުރު ދުވަހު 2.30 ގައި ފެށި މިޓެލެތޯން ދެންމެ ނިންމާލިއިރު 20 މިލިއަނަށްވުރެ ގިނައި ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބޭނެ ކަމަށް މިހަރަކާތް ރާވައި ހިންގި ސްޓިއަރިން ކޮމިޓީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހަރަކާތް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކުގައި ކަމަށެވެ. އެފަންޑަށް ޖަމާވެފައިވާ ފައިސާގެ ތެރޭގައި އަދާލަތު ޕާޓީ އިސްވެ އޮވެގެން އެއްކޮށްފައިވާ 6.3 މިލިއަން ރުފިޔާވެސް ހިމެނެއެވެ. މަނިކު ވިދާޅުވީ މި ޓެލެތޯންވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ޓެލެތޯން ކަމަށެވެ. އޭނާ ވިދާޅުވީ މިޓެލެތޯންވަނީ ރާއްޖޭގައި ބާއްވާފައިވާ ޓެލެތޯންގެ ރެކޯޑް މުގުރާލައިފައި ކަމަށެވެ.

ޓެލެތޯންގެ ފަންޑު ކޯޑިނޭޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މިހަރަކާތުގެ ރަސްމީ ބައި ނިންމާލިއިރު ސާޅީސްހަކަށް ފައިސާ ފޮށި ނުގުނައި ހުރިކަމަށެވެ. އަދި ރަށްރަށުގައިވެސް އެފަދަ ފައިސާ ފޮށިތައް އެބަހުރި ކަމަށެވެ. އެހެން ކަމުން ފަންޑަށް ލިބުނު ޖުމްލަ އަދަދު އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މިހަރަކާތަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ޚާއްސަ ކަމެއް ކަމަށެވެ. ކާމިޔާބު ކަމާއެކު މިކަން ނިންމައިލެވުނީތީ އުފާ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ކަމާއި ހޭދަކުރަމުންދާ ހިތްދަތި ދިރިއުޅުމާމެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement