ސައުވިސް ކިލޯގެ މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލައިފި
ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ އީރާނު ބޯޓެއް މެދުވެރިކޮށް ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ކަމަށް ފުލުހުން ތުހުމަތުކުރި ދެ މީހުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދޫކޮށްލައިފިއެވެ.
މި އަހަރުގެ މާޗް މަހުގެ ތެރެގައި މި މައްސަލައިގައި ޖުމްލަ 18 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އި ދައުވާކުރުމަށް ޕީޖީން ކުރިން ނިންމާފައިވަނީ، ހ. އެވާޕީސް، އަހުމަދު ސޮފްވަތުއާއި، ގ. ޓްރަސްޓުވުޑް އިސްމާއިލް މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ވަނީ ކޯޓުން ވަކިގޮތެއް ނިންމަންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިއެވެ. އެހެން ނަމަވެސް އެމީހުން މިނިވަންކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެ މައްސަލައާއި ގުޅުންހުރި ކަމަށް ފުލުހުން ތުހުމަތުކުރި ޕޮލިސް މީހާ ވެސް ވަނީ ދޫކޮށްލައިފައެވެ.
މާޗް 10 ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޖުމްލަ 18 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ބަންގްލަދޭޝްގެ ތިން މީހަކާއި ޕާކިސްތާނުގެ 11 މީހެކެވެ.
އެ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އިރާންގެ 'ހޮރްމޯޒް' ނަމަކަށް ކިޔާ ބޯޓަކުން ކަމަށާއި އއ. މަތިވެރި އާއި 30 ނޯޓިކަލްމޭލު ބޭރުން ޑިންގީއަކަށް މަސްތުވާތަކެތި އެޅުމަށްފަހު ފައިބަރު ކޮށް ދޯންޏަކަށް ލުމަށްފަހު ދަތުރުކުރަމުންދަނިކޮށް ފުލުހުން އެ ދޯނި އަތުލައިގަތީ ހުޅުމާލެ ބޭރުނެވެ.
މީގެ ކުރިން އެ ބޯޓް އެންމެ ފަހުން ރާއްޖެ ދަތުރުކުރި ފަހަރު އެ ބޯޓުގެ ފަޅުވެރިއެއް އަތުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ބޯޓަކީ މީގެ ކުރިންވެސް މަސްތުވާތަކެތި އެތެރެކުރަމުން ގެންދިޔަ ބޯޓެއްކަން ފުލުހުންގެ އިންޓެލިޖެންސް އަށް އެނގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ މަސްތުވާތަކެތީގެ މާކެޓް އަގެއްގެ ގޮތުގައި 36 މިލިއަން ރިފުޔާ ޖެހޭނެ އެވެ. އަދި ޕައުޑާ އަޅައިގެން ގިނަކޮށްގެން ވިއްކައިފި ނަމަ އެޔަށް ޖެހޭނެ އަގު 100 މިލިއަން ރުފިޔާ އާއި ކައިރި ކުރާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު