ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސްޕްރޭ ތިން އަތޮޅެއްގެ ކައުންސިލާ ހަވާލުކޮށްފި

image ހުވަނި ކޮންޓްރޯލް ކުރުމަށް ބޭސްޖަހަނީ. ފޮޓޯ- ޕޮލިސް

ރާއްޖޭގެ ބައެއް ސަރަހައްދުގައި ހުވަނީ އިތުރުވެފައިވާތީ އެކޮންޓްރޯލް ކުރުމަށް ބޭނުންވާ ސްޕްރޭޔަރ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ތިން އަތޮޅެއްގެ ކައުންސިލާ ހަވާލު ކުރައްވައިއެވެ.

އެމިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި ސްޕްރޭޔަރ މިހާތަނަށް ހަވާލު ކުރައްވާފައިވަނީ ރ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅުގެ ކައުންސިލްގެ އިދާރާ ތަކާއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަ ކުރައްވާފައިވާ ގޮތުގައި މިއީ ހުވަނި ކޮންޓްރޯލްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލްތަކަށް ދަތިވެފައިވާތީ ކައުންސިލްތަކުގެ އެދުމުގެ މަތީން ކޮށްދެއްވާ ކަމެއް ކަމަށެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އެދިވަޑައިގަތުމަކާ ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ރަށްރަށުގެ ރަށުކައުންސިލްތަކާ ހަވާލު ކުރައްވާފައިވާ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ހުވަނި ކޮންޓްރޯލްކުރުމަށް ބޭސްޖަހަން ބޭނުންކުރާ ސްޕްރޭޔަރ އިތުރު އަތޮޅުތަކަށް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ހުވަނި ގިނަވަނީ ހޫނުގަދަވާ މޫސުމުގައި ކަމަށްވެސް އެވުޒާރާއިން ހާމަކުރައްވާފައިވެއެވެ. ހޫނު މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހުވަނީގެ އާބާދީ ކުއްލިއަކަށް އިތުރުވެ އޭގެ ސަބަބުން ރައްޔިތުންނަށް ތަފާތު ދަތިކަން ކުރިމަތިވާ ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. ވާރޭ މޫސުމުގައި ހުވަނީގެ މައްސަލަ ފާހަގަކުރެވޭ ވަރަށް ދިމައެއް ނުވެއެވެ.

ހުވަނި އާންމުކޮށް އުޅެނީ ބޮޑެތިކޮށް ހެދޭ މިދިލި، ފުނަ ފަދަ ގަސްގަހުގައެވެ. ހުވަނީގެ ސަބަބުން ގަސްގަހަށާއި އިންސާނުންނަށް ގެއްލުން ލިބެއެވެ. ގަސްގަހަށް ގެއްލުންދެނީ ހުވަނީގެ ފަންޏެވެ. ހުވަނީގެ ފަނި ގަސްތަކުގެ ފަތްތައް ކެއުމުން ގަހަށް ގެއްލުން ލިބެއެވެ. އަދި މީގެ އިތުރަށް ހުވަނި ފަނީގައި ހުންނަ ކެހެރި އިންސާނުންގެ ގައިގައި ޖެހުމުން ގަދައަށް ހިރުވައެވެ. އަދި ފިތްނަގައި ރަތްވެ ދުޅަވާގޮތް ވެސްއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް