އަންދާޒާ ކުރި މިންވަރަށް ބަޖެޓަށް ފައިސާއެއް ނުވަދޭ: ފިނޭންސް މިނިސްޓަރ
އަންދާޒާ ކޮށްފައިވާ މިންވަރަށް ބަޖެޓަށް ފައިސާ ވަންނަމުން ނުދާކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ހާމަކުރައްވައިފިއެވެ.
ޖިހާދު ވިދާޅުވީ މިއަހަރު ބަޖެޓަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން 1.5 ބިލިއަން ރުފިޔާ މަދުވާނެ އެވެ. އަދި އެކަމުގެ ސަބަބުން މިއަހަރުގެ ބަޖެޓް ޑެފިސިޓް ހަތަރު ބިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަސް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ އެންމެ ދަތިވަނީ ކޮންމެ މަހެއްގައިވެސް މުސާރަ ދޭން ކައިރި ވުމުންކަމަށެވެ. މިހާރުވެސް ބަޖެޓްގެ ޑެފިސިޓް 5 މިލިއަނަށްވުރެ ބޮޑުވެފައިވަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިނިސްޓަރ މި މައްސަލަތައް ހާމަކުރެއްވީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމާ ގުޅޭ ގޮތުން އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނާ އެކު މިއަދު ނަސަންދުރާގައި ބޭއްވި ބައްދަލު ކުރެއްވުމެއްގައިއެވެ.
ޖިހާދު ވިދާޅުވީ ފައިސާގެ ދަތިކަމުގެ ސަބަބުން ބަޖެޓް ތަންފީޒު ކުރުމުގައި ވަރަށް ބައިވަރު ގޮންޖެހުން ތަކަކާ ކުރިމަތި ވާކަމަށެވެ. ނަމަވެސް ބަޖެޓަށް އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް ބަޖެޓް އެކުލަވައި ލެވިއްޖެނަ ބަޖެޓަށް ލުއި ކަމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ބައެއް ކައުންސިލް ތަކުން ކުރީ އަހަރުގެ ބިލްތަށް ބެހެއްޓިފައި ހުރުމުގެ ސަބަބުން ބަޖެޓުން އެފައިސާ ނެގުމަށް އުދަނގޫތަކަކާ ކުރިމަތިވާކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރުވެސް މަސް ނިމޭ ހިސާބަށް އައީމާ ބަޖެޓްގައި ފައިސާ ނެތިއްޔާ ކިހިނެއްތޯ ހަދާނީ؟ އެންމެ ބޮޑަށް ހާސް ވަނީ މުސާރަ ދޭން ކައިރިވުވުން،" ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ ސިޔާސީ ހަލަބޮލިކަން އުފެދުމުން ވެސް ބަޖެޓަށް އެކަމުގެ އަސަރު ކުރާ ކަމަށެވެ. މިހާރު މޮތް ހާލަތަށްވުރެ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެއްޖެނަމަ ބަޖެޓުގެ ތާށިކަން ބޮޑުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ މަޝްރަހު މި އޮތް ގޮތަށް ކުރިއަށް ދާނަމަ ބަޖެޓް އަށް ލުއި ކަމެއް ގެނެވިދާނެ. ނަމަވެސް ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލި ވެއްޖެނަމަ ބަޖެޓް އަށް އިތުރު ތާށި ކަމެއް ކުރިމަތި ވާނެ،"މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު