ގަމުގައި އަލަށް އަބާދުވީ ސަރަހައްދުގެ ނަރުދަމާ މައްސަލައިގައި މުޒާހަރަނީ

image

ހައްދުންމަތީ ގަމުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާގެ މައްސަލައިގައި އެރަށު ރައްޔިތުން ފެނަކަ ކޯޕަރޭޝަނުގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

ގަމުން "ދުވަސް" ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުން ދަނީ ފެނަކަ ކޯޕަރޭޝަނުގެ އޮފީހަށް ވަދެ އެ އޮފީގު އިސްވެރިއަކާއި ވާހަކަ ދެއްކުމަށްކަމަށެވެ. މުޒާހަރާގައި 200 އަށްވުރެ ގިނަމީހުން ބައިވެރިވެފައިވާކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެނާ މައުލޫމާތު ދިނެވެ. 

"ފުލުހުން ތިބީ ފެނަކަ އޮފީހުގެ ދޮރު މަތީގައި އެ އޮފީހަށް ނުވަދެވޭގޮތަށް. އެމީހުން މަސައްކަތް ކުރަނީ ފެނަކަ އޮފީހުގެ ވެރިއަކާ ވާހަކަދައްކަން،" ގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ. 

ގަމު އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މައްސަލަ ޖެހިފައި އޮންނަތާ ހަ މަސްދުވަހަށްވުރެ ގިނަ ވެދާނެއެވެ. އެރަށު ކައުންސިލުން ވަނީ މަގުތަކަށް ނަޖިސްފެން ފެތުރި މަގުތައް ތަގައްޔަރުވުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. 

ގަމު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ މިއަދު ވިދާޅުވީ މުޒާހަރާ ކުރަމުން އަންނަނީ ކައުންސިލުގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ. އަދި މުޒާހަރާ ރޭވި މީހުން ނުކުތުމުގެ ކުރިން ކައުންސިލާއި ބައްދަލުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"ކައުންސިލުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މުޒާހަރާއެއް ނަމަވެސް އަޅުގަނޑުމެން އެދިފައިވާނީ އެއްވެސް ފުލުހަކަށް ވެސް އަދި އެއްވެސް އިމާރާތަކަށް ވެސް ގެއްލުން ނުދިނުމަށް،" ޒަކީ ވިދާޅުވިއެވެ. 

މި މައްސަލައިގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށެވެ. 

ނަރުދަމާގެ މަސްއްކަތް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިއެވެ. އެހެން ނަމެސް އެ މައްސަަލަ އަދިވެސް ހައްލެއް ނުވެއެވެ.

މިކަމާއި ގުޅިގެން ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އައްދުއްޝުކޫރު އަބްދުއްރަހުމާނު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް އަދި ނުލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް