ރައީސް ޔާމީން އަޅުގަނޑަށް ފުރިހަމަ އިތުބާރު ކުރައްވާ –ޢުމަރު
ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހޯމް މިނިސްޓަރަށް ފުރިހަމަ އިތުބާރު ކުރައްވާކަން ގަބޫލު ކުރައްވާ ކަމަށް މިވަގުތު އެމަގާމުގައި ހުންނެވި ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހޯމްމިނިސްޓަރަށް ލިބިގެންވާ ބާރު ރައީސް ޔާމީން ކުޑަ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޢުމަރު ނަސީރު ވިދާޅުވީ އެމަނިކުފާނަށް ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު އޮތްކަން ގަބޫލު ކުރައްވަނީ އެމަނިކުފާނާ ހޯމްމިނިސްޓަރުގެ ކަމުގެ ޒިންމާ ހަވާލު ކުރައްވާފައިވާތީ ކަމަށެވެ.
"ރައީސް ޔާމީން ހޯމްމިނިސްޓަރަށް އިތުބާރު ކުރައްވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ސަބަބަކީ ހޯމްމިނިސްޓަރު ކަމުގެ ޒިންމާ އަޅުގަނޑާ ހަވާލު ކުރައްވާފައި އޮތީމައި،" ޢުމަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ޢުމަރު ނަސީރަށް ގާނޫނުން ލިބިފައިވާ ބާރު ހަނިކުރެއްވުމުން ކުރީގެ ކޮމިޝަނަރއޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު ރޭ ވަނީ އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ވީޓީވީގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ހޯމްމިނިސްޓަރަށް ގާނޫނުން ލިބިދީފައިވާ ފުރިހަމަ ބާރު ލިބިދޭން ޖެހޭނެކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާނޫނުތަކާއި، ވެރިކަމުގެ ބާރާއި، މަސްއޫލިއްޔަތަކީ ވަރަށް ބޮޑަށް ދިރާސާ ކުރައްވައިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހުގައި ހަދާފައިވާ އެއްޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވުމުން ހަނި ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހޯމްމިނިސްޓަރ ވަކިވަކި ފުލުހުންނަށް އަމުރު ކުރެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޯމްމިނިސްޓަރ އަމުރު ކުރައްވަންވާނީ ޕޮލިސް ކޮމިޝަނަރަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެފައިވަނީ ހޯމްމިނިސްޓަރަށް ލިބިވަޑައިގެންފައިވާ ބާރު ރައީސުލް ޖުމްހޫރިއްޔާ ހަނިކުރެއްވީ ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިފގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު