ގައުމެއްގެ އެންމެ މުހިއްމު ރައުސުލްމާލަކީ ރައްޔިތުން: ފިނޭންސް މިނިސްޓަރ
ގައުމެއްގެ އެންމެ މުހިންމު ރައުސްމާލަކީ އެ ގައުމެއްގެ އާބާދީ ކަމަށް ފިނޭސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ޖިހާދު މިހެން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް އަތޮޅުތަކުގައި ރާވައި ހިންގުމާ ބެހޭ ވޯކްޝޮޕް ފެށުމަށް ނަސަންދުރަ ޕެލެސް ހޮޓަލުގައި ފެށި ވޯކް ޝޮޕް މިއަދު އިފްތިދާހު ކޮށްދެއްވަމުންނެވެ. ޖިހާދު ވިދާޅުވީ އާބާދީގެ ތަފާސް ހިސާބުތައް ފުރިހަމަށް ނޭގި އޮތުމުގެ ސަބަބުން ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ދަތިވާކަމަށެވެ.
"ގައުމުގައި ތިބި މީހުންގެ ފުރިހަމަ އަދަދާއި އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންގެ ނިސްބަތް އެނގެން ޖެހޭ. އެހެން ނޫނީ ބައެއް ހިދުމަތްތައް ހޯދާއިރު ދަތިތަކަކާއި ކުރިމަތިވޭ،" ޖިހާދު ވިދާޅުވިއެވެ.
ފިނޭސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ވެސް ދެނެގަންނަށް ޖެހިފައިވާކަމަށެވެ. ބިދޭސީންގެ އަދަދު ދެނެގަނެގެން ރާއްޖެއިން ނުހަމަގޮތުގައި ބޭރުވަމުން އަންނަ ފައިސާގެ ބޮޑުބައެއް ކޮންޓްރޯލްކޮށް އިގްތިސާދު ހަރުދަނާކުރެވިދާނެކަމަށް ވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ މުއްސަނދިކަމުގެ ބޮޑު ބައެއް މިދަނީ ގައުމުން ބޭރުވަމުން. ބޭރުވާ ފައިސާ ކޮންޓްރޯލް ކުރެވޭނީ ބިދޭސީންގެ ތަފާސް ހިސާބުތައް ވެސް އެނގިގެން. މިވަގުތު ސިޔާސީ ކަންކަން އޮތް ގޮތުން މައުލޫމާތު ހޯދުމަށް ދަތިވެދާނެ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ފަހުގެ ޓެކެނޮލޮޖީއާއި ބޯހިމެނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ތެދު މައުލޫމާތު ދެނެގަނެވޭނެ،" ޖިހާދު ވިދާޅުވިއެވެ.
ބޯހިމެނުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށެވެ. ރާއްޖޭގައި އެންމެ ފަހުން ބޯ ހިމަނާފައިވަނީ 2006 ވަނަ އަހަރުއެވެ. އޭގެ ކުރިން 28 ފަހަރު ބޯހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު