ހަތް މަސްދުވަހަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެކްސްރޭ މެޝިނު މަރާމާތުކޮށް ބޭނުންކުރަން ފަށައިފި
ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ އެކްސްރޭ މެޝިނުގެ ހިދުމަތް އަލުން ފަށައިފިއެވެ.
އެހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ އެކްސްރޭ މެޝިންގެ ހިދުމަތް އަލުން ދޭން ފެށުމުން ހޮސްޕިޓަލުގެ މަސައްކަތްތަކަށް ލުއި ފަސޭހަ ކަމެއް ލިގެން ގޮސްފައިވާކަމަށެވެ. އަދި މެޝިނުގެ ހިދުމަތް ނުދެވި އޮތުމުން ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށްވެސް އިތުރު ލުއިފަސޭހަކެއް ލިބިގެން ދާނެކަމަށެވެ. އަދި އޭނާ ވިދާޅުވީ އެކްސްރޭ މެޝިން މަރާމާތު ކުރުމަށް 94000 ރުފިޔާ ހަރަދު ވެފައިވާކަމަށެވެ.
"ހަތް މަސް ދުވަސް ވަންދެން އެކްސްރޭ މެޝިނު ހަލާކުވެފައި އޮތުމުން ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ދުރުވާ ބޭފުޅުންނަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވި. އެހެން ކަމުން އަޅުގަނޑުމެން ހޮސްޕިޓަލުން ދިޔައީ ކޮންމެ ދުވަހަކުހެން ކެނޑި ނޭޅި މަސައްކަތް ކުރަމުން މައްސަލަ ހައްލުކުރުމަށް. އެކްސްރޭ ނެގުމަށް ފާއިތުވީ ހަތް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔައީ މޯބައިލް ޑިވައިސްއެއް،" މުހައްމަދު ހަސަން ވިދާޅުވިއެވެ.
އެހޮސްޕިޓަލުން ފޯރުވައިދޭ ޙިދުމަތްތަކާއިމެދު ހިތްހަމަނުޖެހި އެރަށުގެ ގިނަބަޔަކު މިދިޔަ ޖޫން މަހުގެ ތެރޭގައި މުޒާހަރާ ކޮށްފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ ގިނަބަޔަކު ބޭސް ފަރުވާ ހޯދުމުން އަންނަ ހޮސްޕިޓަލެކެވެ.
ކިޔުންތެރިންގެ ހިޔާލު