އަފުއާމު ދެއްވި މީހުންގެ ތެރެއިން ތިން މީހަކު އަނބުރާ ޖަލަށް ގެންގޮސްފި
ޝަރުތުތަކަކާއެކު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އަފުއާމު ދެއްވި ކުށްވެރިންގެ ތެރެއިން ތިން މީހަކު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ މީޑިއޯ ކޯޑިނޭޓާރ މޫސާ ރަމީޒު "ޓީވީއެމަށް" ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ، އަފްއާމުގެ ދަށުން 169 މީހަކު ދޫކޮށްލާފައިވާކަމަށެވެ. އެހެން ނަމަވެސް އަފްއާމުގެ ޝަތުރުތަކާއި ހިލާފުވެގެން ތިން މީހަކު އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށެވެ.
އޭގެތެރެއިން ފުރަތަމަ މީހާ ހައްޔަރު ކޮށްފައިވަނީ މޭމަހުގެ ތެރޭގައި ކަމަށް ރަމީޒު ވިދާޅުވިއެވެ. އޭނާ ހައްޔަރު ކުރީ އަފުއާމު ދިނުމަށްފަހު ފުރިހަމަ ކުރުމަށް ޝަރުތުކޮށްފައިވާ ފަރުވާގެ ޕްރޮގްރާމުތައް ފުރިހަމަކޮށްފައި ނުވާތީ ކަމަށް ވިދާޅުވިއެވެ.
ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓު ކުރުމާއި ގުޅިގެން ކަމަށް ރަމީޒު ވިދާޅުވިއެވެ.
ތިންވަނަ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރުތުތަކާއެކު ރައީސުލްޖުމްހޫރިއްޔާ މާފުދެއްވާ މީހުން ޝަރުތުތަކާ ހިލާފުވެއްޖެނަމަ އެމީހުން ތަން ފީޒުކުރަމުން ދިޔަ ހުކުމް އަލުން ތަންފީޒު ކުރަންޖެހޭނެކަމަށް ރައީސް އޮފީހުން ވާނީ ބުނެފައިއެވެ.
ކިޔުންތެރިންގެ ހިޔާލު