މާރާމާރީ ތަކާއި ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި
ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލޭގައި ހިންގަމުން އަންނަ މާރާމާރީ ތަކާއި ގުޅުހުރި ފަސް މީހަކު އިއްޔެ ހައްޔަރު ކުރެވިފައިވާކަަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.
މި މައްސަލައިގައި ފުރަތަމަ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ރޭ 2300 ހާއިރު މ. ބަނގުފަޑިގެއަށް ކޯޓު އަމުރެއްގެ ދަށުން ވަނުމަށްފަހު ކަމަށް ފުލުހުން ހާމަކުރެއެވެ.
އެގެއިން ފުލުހުން ވަނީ މަސްތުވާތަކެއްޗާއ، މޫނު ނިވާކުރުން މޭނުންކުރާ ހަތަރު މާސްކާއި، ދެ ކަތިވަޅިއެއް ހޯދާފައިއެވެ. އެގެއިން ހައްޔަރު ކުރި ހަތަރު މީހުންގެ ވެސް ކުށުގެ ރެކޯޑު އޮވެއެވެ.
ހައްޔަރު ކުރި ފަސް ވަނަ މީހަކީ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީއަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ.
"މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުމާއި ނުތަނަވަސްކަން ނައްތާލައި މާރާމާރީތައް ހުއްޓުވުމަށް މިހާރު މާލޭގައި ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކަމެއްނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ފުލުހުންނާއި މާލޭ ސިޓީގެ ފުލުހުންނާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެންމަސައްކަތް ކުރަމުން ގެންދާނެއެވެ. މިއާއެކު މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް ވަނީ އިތުރުކުރެވިފައެވެ،" މާރާމާރީ ތަކާއި ގުޅިގެން ފުލުހުންގެ ވެބްސައިޓުގައި ޝާއިރު ކޮށްފައިވާ ލިއުމެއްގައި ބުނެފައިވެއެވެ.
މިދިޔަ މަހުން ފެށިގެން މާލޭގައި ހިންގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައިއެވެ.
ކިޔުންތެރިންގެ ހިޔާލު