ޣައްޒާގައި ޝަހީދުވެފައިވާ ކުޑަކުދިންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލްތަކުގައި ސުކޫތެއް ގެނެސްފި
ފަލަސްތީނުގެ ޢައްޒާގައި ޝާހީދުވެ ގޮސްފައިވާ ކުދިންގެ ހަނދާނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ސުކޫތެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދަކީ ރަމަޟާން މަހުގެ ސްކޫލް ބަންދާއި އަދި ފިތުރު ޢީދުގެ ބަންދާއި މިނިވަން ދުވަހުގެ ބަންދަށްފަހު އަލުން ސްކޫލްތަކުގެ ކިޔެވުން ރަސްމީކޮށް ފެށުނު ދުވަހެވެ.
ޣައްޒާގެ ކުޑަކުދިންގެ ހަނދާނުގައި ހުރިހާ ސްކޫލެއްގައި ވެސް މިއަދު ހާއްސަ އެސެންބުލީއެއް ބާއްވާފައިވާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
"އެސެންބްލީގައި ހަމަހިމޭންކަމުގެ މިސުކޫތު ގެންނާނެ ކަމުގައި ގިނަ ސްކޫލް ތަކުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މައުލޫމާތު ހިއްސާ ކޮށްފައެވެ. ދެދަންފަޅިއަށް ކުރިއަށް ގެންދާ ސްކޫލްތަކާއި އެއްފަންފަޅިއަށް ކުރިއަށް ގެންދާ ސްކޫލްތަކުގައި މިއަދު ހެނދުނު މި ސުކޫތު ގެނެސްފައިވާ އިރު ދެ ދަންފަޅިއަށް ކުރިއަށް ގެންދާ ސްކޫލްތަކުގެ ދެވަނަ ފަންފަޅި މެންދުރު ފެށިގެން ދާ އިރު މެންދުރު ބާއްވާ އެސެންބްލީގައި ވެސް މި ސުކޫތު ގެންނަން އެސެންބްލީގައި އެޖެންޑާ ކޮށްފައިވާ ކަމުގައި އެސްކޫލްތަކުން ހާމަ ކުރެއެވެ،" އެޑިއުކޭޝަނުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މި ސުކޫތު ގެނައުމުގެ ކުރިން ފަލަސްތީނުގެ ޢައްޒާގައި ހާލުގައި ޖެހެމުންދާ ނިކަމެތި މުސްލިމުންނަށް ޖެހިފައިވާ މުސީބާތުން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ގެ ހަޟްރަތުގައިދުއާއެއް ކޮށްފައިވާކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައިއެވެ.
ޖުލައިމަހުގެ 8 ވަނަ ދުވަހުންފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަކާތަކުގައި ފަލަސްތީނުގެ 1734 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 398 މީހުންނަކީ ކުޑަކުދިންނެވެ. 209 މީހުންނަކީ އަންހެނުންނެވެ. އަދި 74 މުސްކުޅިން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު