ޝަކީލާއަށް ރުހުން ދޭން ބޭނުން ނުވާކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ

image ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ

ހެލްތު މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާ "ކުފޫ ހަމަނުވާކަމަށް ބުނެ" ވަޒީރުކަމަށް ޝަކީލާއަށް ރުހުން ދޭން ބޭނުންނުވާކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެފައިވާކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ މެންބަރަކު ވިދާޅުވެއްޖެއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ނަން ހާމަކުރަން ބޭނުންނުވާ އެ ޕާޓީގެ މެމްބަރެއް ވިދާޅުވީ، ކުރިން މިނިސްޓްރީގައި ހުރި ބައެއް ކަންތައްތަކާއި ބަޖެޓުގެ ދަތިކަން ހުރިގޮތުން ޑރ.ޝަކީލާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރިކަން ހުރިހާ މެންބަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ސިއްހީދާއިރާ ރަނގަޅު ކުރެއްވުމަށްޓަކައި ލިބިފައިވާ ބަޖެޓާއި ވަސީލަތްތަކުން އެދެވޭ ގޮތުގައި މަސައްކަތްތަކެއް ކުރެވެމުން ނުދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަންތައްތައް ގިނަ މެންބަރުންތަކެއްވަނީ ފާހަގަވެސް ކުރައްވާފަކަމަށް ނަން ހާމަކުރަން ނޭދޭ މެންބަރު ވިދާޅުވިއެވެ.

"މިދިޔަ ހަފުތާތެރޭ ތިކަމާދޭތެރޭ ވަނީ ކުޑަކޮށް ޚިޔާލު ހޯދާފަ. ގިނަ މެންބަރުންނެއް ބޭނުމެއް ނުވޭ ޝަކީލާ އަށް ރުހުން ދޭކަށް. ޝަކީލާ ހުރެގެން ސިއްހީ ދާއިރާއިން ދާދިފަހުން ހިނގައި ދިޔަކަންތައްތައް ޚިޔާލު ހޯދުމުގެ ތެރޭގައި ގިނަމެންބަރުންތަކެއްވަނީ ފާހަގަ ކޮށްފަ. އަދި ބައެއް ނިންމެވުންތައް ނިންމަވާއިރު ސަރުކާރަށް ދަނީ ވަރަށް ގިނަ ގޮތްގޮތުން ލޮޅުން އަރަމުން" ނަން ހާމަކުރަން ބޭނުންނުވާ އެމެންބަރު ވިދާޅުވިއެވެ.

"ދުވަސް"އަށް އެނގިފައިވާ ގޮތުގައި ޝަކީލާއަށް ރުހުން ދިނުމަށް ޕީޕީއެމްގެ ބައެއް މެންބަރުން ދެކޮޅު ހެއްދެވުމާއި ގުޅިގެން އެޕާޓީގެ ޕީޖީގެ ރައީސް އަހުމަދު ހުސައިންމަނިކުކަވީ އެކަން ސަރުކާރާއި އަދި ޝަކީލާއާއި ވެސް ހިއްސާކޮށްފައެވެ. އަދި އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެހެން މަގާމަކަށް ވަޑައިގެންނެވުމާއި މެދު ޝަކީލާގެ ހިޔާލު ހުރި ގޮތެއް ހޯއްދެވުމަށް ސީދާ ޝަކީލާއަށް ވެސް ނިހާން ދަންނަވާފައިވާ ކަމަށްވެސް "ދުވަސް"އަށް ވަނީ އެނގިފައެވެ.

މިކަމާގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ ބައެއް މެންބަރުން ޝަކީލާއަށް ރުހުން ދިނުމަށް އިންކާރުކޮށްފައިވަނީ ފާއިތުވި ތަނުގައި ސިއްހީ ދާއިރާގައި ހިނގާ ދިޔަ ބައެއް ކަންތައްތަކުގައި ހެލްތް މިނިސްޓްރީންނާއި މިނިސްޓަރުގެ ހައިސިއްޔަތުން އަމަލު ކުރައްވާފައިވާ ގޮތުން ސަރުކާރަށް އެކަމުގެ ތަކުލީފުތައް ބޮޑުވެފައިވާތީ ކަމަށެވެ.

ޝަކީލާއަށް ރުހުންދިނުމާ ގުޅޭގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ރަސްމީކޮށް އަދި ގޮތެއް ނުނިންމަވައެވެ. ޝަކީލާ އަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ ހަވަނަ ދުވަހު އެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި މިމައްސަލަ ދިރާސާކުރުމަށްފަހު ޝަކީލާ އަށް ރުހުންދޭން ކޮމިޓީން ނިންމީ ހަނިގޮތަކަށް މުގައްރިރުގެ ވެސް ވޯޓު ލައިގެނެވެ. ކޮމިޓީގައި ޝަކީލާއަށް ރުހުން ދޭން ފެނޭތޯ ނެގުނު ވޯޓުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަކި ކޮޅަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް