ދޫނިދޫ ޖަލަށް ސާފު ބޯފެނެއް ނުލިބޭ: އެޗްއާރުސީއެމް

image ދޫނިދޫ: ފޮޓޯ ގޫގުލް

ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރާ ގައިދީންނާއި އެތަނުގައި މަސައްކަތްކުތާ މުވައްޒަފުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވިސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު "އެންޓި ޓޯޗާ ރިޕޯޓުގައި" ބުނެފައިވަނީ، އެ ޖަލުގައި ބޯފެން އުފެއްދި ކަމުގައި ވިއަސް ފެން ރައްކާކުރާ ތާންގި ތަކަކީ ސާފު ތަކެތި ނޫންކަމަށެވެ."ފެން އުފެއްދުމަށްފަހު އަދިވެސް ސްޓޯކުރަން ޖެހެނީ އެތެރޭގައި ދަބަރާއި މަޑު ހެދިފައި ހުރި ތާންގީގައި،" އެޗްއާރު ސީއެމްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މައްސަލަ ހައްލުކުރުމަށް އަންގައި ހިއުމަން ރައިޓްއިން ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވައިފައެވެ. އަދި އައު ތާންގިއެއް ބަނުމަށް މޯލްޑިވިސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެކު ފުލުހުން އެއްބަސްވެފައިވާކަމަށް ކޮމިޝަނުންބުނެއެވެ.

އެ ކޮމިޝަނުން ވަނީ ދޫނިދޫ ޖަލުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ތިން ނަންބަރު ޖަލާއި ހަތަރު ނަންބަރު ޖަލަށް އަތްވާއި ވައި ލިބެނީ ވަރަށް މަދުން ކަން ފާހަގަކޮށްފައިވެއެވެ. އެ ގޮޅިތަކުގެ ފާހާނައަށް އެއްވެސް މިންވަރަކަށް އަލި ނުލިބޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ހަ ނަންބަރު ޖަލަކީ 100 މީހުންގެ ޖާގައިގެ ޖަލެއް ނަމަވެސް އެތަނުގެ ގޮޅިތަކަށް ހޫނުގަދަކަން ވެސް ޓޯޗާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބަންދުގައި ހުންނަ މީހުން ބައެއް ފަހަރު "ކްރޮސްކޮށް" ބިޑި އަޅުވާކަމަށް ވެސް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ. "އަންޑާރ ގާމެންޓްސް" (އެތެރެއިން ލާ އަންނައުނު) ގަނަވެން ނެތް މީހުންނަށް އެފަދަ ތަކެތި ގަނެދޭނެ އިންތިޒާމެއް ވެސް ހަމަޖެހިފައި ނެތްކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ދޫނިދޫ ޖަލުގައި ތިބި ބަލި ގައިދީންނަށް ބޭސް ދެމުން ގެންދަނީ އެކަށީގެންވާ މިންވަރަށް ރިކޯޑުނުކޮށް ކަމަށް ވެސް އެޗްއާރު ސީއެމުން ބުނެއެވެ. އަދި ބަލި މީހުންނަށް ޑޮކްޓަރު ލިޔެދޭ ބޭސް ފޯރުކޮށްދެން ދިގު މުއްދަތެއް ނަގާކަން ވެސް ފާހަގަކޮށްފައިވެއެވެ.

"ބަންދުގައި ތިބި ބަލިމީހުންގެ ތެރެއިން ބޭސް ދެވެނީ ކޮންއިރަކު ކޮންބަޔަކަށް ކަން މެއިންޓެންކޮށްފައި ވީނަމަވެސް ދެވޭ ބޭހާއި ޑޯޒޭޖް އެގެން ނެތްކަން ފާހަގަކުރެވިފައިވޭ،" އެޗްއާރު ސީއެމްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް