ގަމު ނަރުދަމާ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފި
ހައްދުންމަތީ ގަމުގައި އަލަށް އާބަދުވެފައިވާ ސަރޙައްދުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ އިއްޔެ ޙަވާލުކޮށްފިއެވެ.
މިނިޒާމް އެކޮޕަރޭޝަނާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތިމާވެށްޓާބެހޭ މިނިސްޓްރީގައެވެ. ނަރުދަމާގެ ނިޒާމް ފެނަކައާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލެވެ.
ގަމުގެ އަލަށް އާބަދުވެފައިވާ ސަރަޙައްދުގައި ޤާއިމު ކުރެވިގެންދާ ނަރުދަމާ ނިޒާމުގެ ހުރިހާ ޚިދުމަތްތައް އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ފެނަކައިން ކަމަށް އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ގަމުގައި އަލަށް އާބަދުވެފައިވާ ސަރަޙައްދުގައި 2008 ވަނަ އަހަރުގެ ތެރޭގައި ނަރުދަމާ ނިޒާމު ވަނީ ޤާއިމު ކުރެވިފައެވެ. އެސަރަހައްދުގައ މީހުން އާބާދުވާން ފަށައިފައިވަނީ 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާއަށް ފަހުއެވެ. ސުނާމީ ކާރިސާއާ ގުޅިގެން އައި.އެފް.އާރ.ސީގެ ފަރާތުން ގަމުގައިވަނީ ނަރުދަމާގެ ނިޒާމެއް ގާއިިމްކޮށްފައި ކަމަށް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. އެމަޝްރޫއަށް އައި.އެފް.އާރް.ސީ ގެ ފަރާތުން އެއްމިލިއަން އަށްސަތޭކަ ހާސް އެމެރިކާ ޑޮލަރު ޚަރަދުކުރި ކަމަށްވެސް ތިމާވެށްޓާ ބެހޭ މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.
ނަރުދަމާ ހިންގައި ބެލެހެއްޓުން ފެނަކައާ ޙަވާލުކުރި އިރު އެނިޒާމަށްވަނީ ބޮޑެތި މައްސަލަ ދިމާވެފައެވެ. ގަމު ކައުންސިލް މެންބަރ އިސްމާއިލް ޒަކީ ވިދާޅުވީ މި އެއްބަސް ވުމުގެ ސަބަބުން ނަރުދަމާ ގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގައި ގަމު ކައުންސިލާ މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ. އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމަށް މައްސަލަ ދިމާވެ މިދިޔަ މަސްތެރޭގައި ޖަންގުޝަންތައް ފެއިލްވެ ނަޖިސްފެންވަނީ ރަށުތެރެއަށް ބޭރުވެފައެވެ. އެކަމާ ގުޅިގެން ރައްޔިތުންވަނީ މުޒާހަރާވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު