ޕީޕީއެމްގެ ޕީޖީގެ މިއަދުގެ ނިންމުމަކީ ޕާޓީތެރޭގައި ޑެމޮކްރަސީ އޮތް މިންވަރު ހާމަކޮށްދިން ކަމެއް- ޕީޖީ މެންބަރެއް
ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަކަށް މައުމޫން ހަމީދު އިންތިޚާބު ކުރުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ނިންމި ނިންމުމަކީ ޕާޓީތެރޭގައި ޑެމޮކްރަސީ އޮތް މިންވަރު ހާމަކޮށްދިން ކަމެއް ކަމަށް އެޕާޓީގެ ޕީޖީ ގެ މެންބަރަކު ވިދާޅުވެއްޖެއެވެ.
އެޕާޓީން މިއަދު ނިންމާފައިވަނީ ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަކަށް މުހުތާޒު މުހުސިނަށް ވޯޓު ދެއްވުމަށެވެ. އެގޮތަށް ނިންމިއިރު އެޕާޓީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ ޕީޖީއަކަށް އައްޔަން ކުރުމަށް މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް އެދި ވަޑައިގެން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކަށް ސީޓިއެއް ފޮނުވާފައެވެ.
ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވީ "މިއަދުގެ ނިންމުމުން ދެކަމެއް ހާސިލްވި. އެއްކަމަކީ ޕާޓީތެރޭގައި ޑެމޮކްރަސީ އޮތް މިންވަރު ހާމަވުން. ދެވަނަ ކަމަކީ ޢާއިލީ ވެރިކަމަކަށް ފުރުސަތު ހޯދަނީ ކަމަށް ބައެއް ފަރާތްތަކުން ރައީސް ޔާމީނާމެދު ކުރާ ތުހުމަތުގައި ހަގީގަތެއްނެތްކަން އެނިގެންދިޔުން،" ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕީޖީގެ ނިންމުމުގެ ސަބަބުން ޕާޓީ ތެރޭގައި އިތުރު މައްސަލައެއް އުފެދޭނެ ޖާގައެއް ނެތް ކަމަށެވެ. ޑެމޮކްރަސީގެ ހިޔަލުގައި ހިނގަމުންދާ ޕާޓީއެއްގައި ޚިޔާލު ތަފާތުވުންތައް ހުއްޓަސް އެކަންކަމާ ކުރިމަތިލައި ހައްލު ކޮށްގެން ކުރިއަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުހުތާޒު މުހުސިނާއި، މައުމޫން ޙަމީދާ ދެ ބޭފުޅުންނަށް ބަލާއިރު ދެބޭފުޅުންނަކީވެސް ގާބިލް ބޭފުޅުން ކަމަށެވެ. ނަަމަވެސް ޕީޖީގެ މަގާމަކީވެސް މިނިވަން މުސްތަގިއްލު މަގާމަކަށް ވާހިނދު އެމަގާމަށް މީހަކު އިންތިޚާބު ކުރެވެންވާނީވެސް މުސްތަގިއްލު ކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް އެދި މައުމޫން ޢަބްދުލް ޤައްޔޫން ފޮނުވި ސިޓީއާ ބޭހެ މާބޮޑު ތަފްސީލެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ މިފަދަ ކަންކަމަށް އާ ބޭފުޅަކަށް ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ޑެމޮކްރަސީ އާލާ ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ މިއަދުގެ ނިންމުމަށް އެމަނިކުފާނު އިހުތިރާމް ކުރައްވާނެ ކަމަށެވެ.
ޕީޖީއަކު ހޮވުމަށް އަންނަ ހޯމަދުވަހު މަޖިލިހުގައި ނަގާ ވޯޓުގައި މުހުތާޒު މުހުސިނަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ނިންމައި ތްރީލައިން ވިޕެއްވެސް ވަނީ ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު