ބުލޫޒް ފޯ ޔޫތު މުޅިރާއްޖޭގައި ހިންގަނީ
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިސްނެންގެވުމުގެމަތިން ރާއްޖޭގެ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހިންގަންފެށި ބްލޫޒް ފޮރ ޔޫތު ކޭމްޕް މުޅިރާއްޖޭގައި ހިންގަން ޤަސްދުކުރައްވާ ކަމުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ގަލޮޅުގެ ޒުވާނުންނަށް ހިންގަމުންދިޔަ ޒުވާނުންގެ މަރުކަޒުގެ ޚިދުމަތް އަލުން ފެށުމަށް އެމަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ އަތޮޅުތަކުގައި ހުރި ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ ފައިދާހުރި ޕްރޮގްރާމްތަކެއް ހިންގަވަން ރާއްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ބްލޫޒް ފޯ ޔޫތު ކޭމްޕް ބާއްވަން ޤަޞްދުކުރައްވާ ކަމަށެވެ.
މުޅިރާއްޖޭގައި ބްލޫޒް ފޮރ ޔޫތު ކޭމްޕް ބާއްވަން ޤަޞްދުކުރެއްވީ އެ ކޭމްޕުގެ ތެރެއިން ޒުވާނުން މުޖުތަމަޢުގައި ބާރުވެރި ބަޔަކަށް ހަދައި ޒުވާނުންނަށް ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދެވޭނެތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ކޭމްޕުގެ ތެރެއިން ޒުވާނުންނަށް މަސައްކަތުގެ މާޙައުލަށް ތައްޔާރުވުމުގެ މަގުފަހިވެ، ކުށުގެ ނުރައްކަލުން ދުރުވުމަށް ބާރުލިބިގެންދާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.
ގަލުޅޮލުގެ ޒުވާނުންނަށް ހިންގަމުންގެންދިޔަ ޒުވާނުންގެ މަރުކަޒު ދުވަސްތަކަކު ބަންދު ކުރުމަށްފަހު ރޭ އެމަރުކަޒު ހުޅުވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި މިނިސްޓްރި އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ހިންގާ ތަނެއްގެ ގޮތުގައި ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު