ޕޮލިސް ކޮމިޝަނަރު މަސްތުވާތަކެއްޗަށް ޓެސްޓް ކޮށްފި: ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ކުރިޔަށްގެންދާ މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކޮށްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ޙުސައިން ވަޙީދު ގެ ކުޑަކަމުދާތަކެތި ނަގައިފައިވަނީ ރޭ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ހާޒިރުކުރުވައިގެންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކުރެވިފައިވަނީ ކުރިން އެފަދަ ކަމެއް ކުރަން އުޅޭނެކަން އެންގުމަކާ ނުލައި ކަމަށްވެސް ފުލުހުންވަނީ މައުލޫމާތު ދެއްވާފައެވެ.
ރޭ ކުރި ޓެސްޓުން ދައްކާގޮތުގައި ޙުސައިންވަޙީދަކީ މަސްތުވާތަކެތި ބޭނުންނުކުރައްވާ ބޭފުޅެއްކަން ކަށަވަރުވެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. މިއީ ދިވެހި ފުލުހުންނަކީ މަސްތުވާތަކެތީގެ ވަބާއިން ދުރުގައި ތިބި ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން މަސްތުވާތަކެއްޗަށް ފުލުހުން ޓެސްޓް ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ކުރި ކަމެއް ކަމަށްވެސް ފުުލުހުންވަނީ ހާމަކުރައްވާފައެވެ.
ފުލުހުން މަސްތުވާ ތަކެއްޗަށް ޓެސްޓު ކުރަން ފަށާފައިވަނީ 2012 ވަނައަހަރު އެކަމަށްޓަކައި "ކަނޑައެޅުނު" ޚާއްޞަ އޯޑަރެއްގެ ދަށުންނެވެ. މިއޯޑަރުގައިވާގޮތުން ކޮންމެ މަހަކުވެސް ފުލުހުންގެ ތެރެއިން ވަކި އިންސައްތަ މީހުންގެ ކުޑަކަމުދާތަކެތި ނަގައި މަސްތުވާތަކެއްޗަށް ޓެސްޓް ކުރެވެއެވެ. އެގޮތުން އެމަހަކު ޓެސްޓް ކުރާނެ ފަރާތްތައް ކަނޑައަޅަނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ވަކި ސިސްޓަމެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
ކޮންމެ މަހަކުވެސް އެމަހަކު ޓެސްޓް ކުރަންޖެހޭ ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ރެންޑަމްކޮށް ނެގުމަށްފަހު އެފުލުހުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ހާޒިރުކުރެވޭއިރު އެއިން އެއްވެސް ފަރާތަކަށް އެފަރާތްތައް ހާޒިރުކުރަނީ މަސްތުވަތާތަކެއްޗަށް ޓެސްޓުކުރަންކަން އެނގިފައެއް ނޯންނާނެ ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
މިޕްރޮގްރާމުގެދަށުން ކޮންމެ މަހަކުވެސް ޓެސްޓް ކުރެވެމުންދަނީ 8 ފުލުހެކެވެ. މިގޮތުން މިހާތަނަށް 167 ފުލުހެއްގެ ކުޑަކަމުދާތަކެތިނަގައި މަސްތުވާތަކެއްޗަށް ޓެސްތްކުރެވިފައި ވާ ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު