ޕީޖީގެ މަގާމަށް ރައީސް ފޮނުއްވި ދެ ނަމަށް ވެސް އެކަށީގެންވާ މާކުހެއް ނުލިބުނު
ޕްެރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަންފުޅަށް ވެސް ރުހުން ނުދޭން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ރޭ ނިންމައިފިއެވެ.
މަޖިލީހަށް ފޮނުވާފައިވާ ދެ ނަންފުޅަކީ މައުމޫން ހަމީދާއި، ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިނެވެ. ދެ ބޭފުޅުންގެ ނަން ވެސް ފާސް ނުކުރުމަށް ކޮމެޓީން ނިންމީ ދެ ބޭފުޅުންނަށް ވެސް އެކަށީގެން ވާ މިންވަރަށް މާކުސް ނުލިބުމުންނެވެ. ކޮމެޓީން ނަމެއް ފާސްކުރުމަށް 75 މާކުހަށްވުރެ މަތިން ލިބެންޖެހެއެވެ. މައުމޫނު ހަމީދަށް ލިބިވަޑައިގަތީ 33 މާކުހެވެ. އޭނާ އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. މިއީ އޭނާގެ ނަން މަޖިލީހަށް ފޮނުއްވި ދެވަނަ ފަހަރެވެ. ކްރިމިނަލް ކޯޓުގެ ގާޒީއަށް ލިބިވަޑައިގަތީ 67 މާކުހެވެ.
ދެ ބޭފުޅުންނަށް ވެސް އިދިކޮޅު އެމްޑީޕީން އެއްވެސް މާކުހެއް ދީފައެއް ނުވެއެވެ. އެމްޑީޕީން ބުނެފައިވަނީ މައުނޫނަށް ވޯޓު ނުދިނީ އޭނާ އައްޔަނު ކުރަން ނުފެންނަކަމަށް ކުރީގެ މަޖިލީހުން ފާސްކޮށްފައިވާތީ ކަމަށެވެ. އަދި މުހުތާޒަށް މާކުސް ނުދިނީ ކްރިމިނަލް ކޯޓުގެ ގާޒީއެއް އެހެން ވަޒީފާއަކަށް ކުރިމަތިލުމުން ކަމަށެވެ. އެއީ ގާޒީންގެ ސުލޫކީ މިންގަނޑާއި ހިލާފުކަމެއްކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ކޮމެޓީން ދެ ބޭފުންގެ ނަން ފާސްނުވިކަމުގައި ވިއަސް ދެ ނަން ވެސް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާ މެދު ގޮތެއް ނިންމާނީ ތަޅުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު