ގަމުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ޝަކުވާވަނީ އިތުރުވެފައި- ކައުންސިލް
ހައްދުންމަތީ ގަމުގައި އަލަށް އާބާދުވާ ސަރަހައްދުން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލް މެންބަރު އަބުދުﷲ ނާފިޒް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓް ދާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލަ އޮޅުން ފިލުވުމަށް ލ.ގަން ފެނަކަ ކޯޕްރޭޝަން ގެ މެނޭޖަރ އަބްދުއްޝުކޫރަށް ގުޅުމުން އޭނާ ފޯން ނުނަގާތީ އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ޝަކުވާތަކަށް ކައުންސިލުން ދޭނެ ޖަވާބެއް ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދުވަސް" ގެ ފަރާތުން އަބްދުއްޝުކޫރަށް ގުޅުމުން އޭނާ ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއްް ލިބިފައިނުވާ ކަމަށެވެ. އަދި ކަރަންޓު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާކަންވެސް އެނގިފައި ނުވާ ކަމަށެވެ. އެސަރަހައްދުން ކަރަންޓު ކެންޑެން ފަށައިފައިވަނީ މިއަދު ހެނދުނު އެވެ. ހެނދުނު ކަރަންޓު ދިޔަގޮތަށް ކަރަންޓް ލިބުނީ ތިން ގަޑިއިރު ފަހުން ކަމަށް އެރަށުގެ ރައްޔިތަކު ބުންޏެވެ. މިރޭ އެއްގޮތަކަށްވެސް ކަރަންޓް ހިފަހައްޓާ ނުލެވޭ ކަމަށް އެރަށު މީހަކު ބުންޏެވެ.
"މިރޭވެސް ތިންފަހަރު ކަރަންްޓް ކަނޑައިގެން ހިނގައްޖެ. މިރޭ އެއްގޮތަކަށްވެސް ކަރަންޓް ނުހިފަހައްޓާ. ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުން ގޭގައި ހުންނަ އިލެކްޓްރޯނިކް ސާމާނުތަކަށްދަނީ މައްސަލަ ދިމާވަމުން،" އެރަށުން ވާހަކަ ދެއްކި މީހަކު މިރޭ ބުންޏެވެ.
ކަރަންޓުގެ މައްސަލަ އެރަށަށް ދިމާވުމަކީ އާންމު ކަމެކެވެ. ރޯދައިގެ ކުރިން، ފެނަކައިން ބުނެފައިވަނީ ރޯދައަށް ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސައަށް ވަގުތީ ހައްލެއް ހޯދިފައިވާ ކަމަށެެވެ. ނަމަވެސް މިހާރުވެސް މިފަދަ މައްސަލަތައް ދަނީ ރަށްރަށުގައި ދިމާވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު